ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގދ. ތިނަދޫގައި ދިވެހި ޕާސްޕޯޓްގެ ހިދުމަތް ރަސްމީ ގޮތުން އިއްޔެ ފަށްޓަވައި ދެއްވައިފިއެވެ.

ރައީސް ސާލިހު، ތިނަދޫގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީ ގޮތުން ފަށްޓަވައި ދެއްވާފައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ތިނަދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުވަދު އަތޮޅުގައި މި ހިދުމަތް ފުރަތަމަ ހޯދި ފަރާތަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، ހިދުމަތްތައް ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މިހާތަނަށް އިމިގްރޭޝަންގެ ހިދުމަތްތައް ރާއްޖޭގެ ހަތް ރަށަކުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ތިނަދޫގައި މި ހިދުމަތް ފެށުމާއެކު މިހާރު ދިވެހި ޕާސްޕޯޓަށް އެދި އޮންލައިންކޮށް "އިމުގާ" މެދުވެރިކޮށް ހުށަހަޅައި، ޕާސްޕޯޓާއި ހަވާލުވުމަށް ތިނަދޫ ހިޔާރު ކުރެވޭނެއެވެ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ހިދުމަތް ލިބެން ހުންނާނީ، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 އިން 15:00 އަށެވެ.

މި ދަތުރުފުޅުގައި، ޑޮކްޓަރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސާދަ ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ. އޭރިއާއާއި، އެން.އައި.ސީ.ޔޫ. އަދި ހަތަރު ޕްރައިވެޓް ރޫމާއި ދެ ލޭބަރ ސުއިޓްސް ހިމެނޭ ލޭބަރ ރޫމް ވެސް ރައީސް ސާލިހު ވަނީ ހުޅުއްވައިދެއްވާފައެވެ.

އަދި ހަމައެހެންމެ ތިނަދޫ ފެނަކަ އިންޖީނުގެވެސް ރައީސް ވަނީ ހުޅުއްވައިދެއްވާފައެވެ.