މާތް ވެގެންވާ ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައަޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔަސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިރޭ ބ. އޭދަފުށިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ދިވެހިން ދީނީ ކަންކަމަށް ވަރަށް ހާއްސަ އިސްކަމެއްދޭ މާތް މައްސަރެއްކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ރޯދަ މަހުގެ ފަހު ދިހަ ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި މަޝްއޫލު ވެގެންއުޅޭ ދުވަސްވަރު ކަމަށްވެފައި، މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދު ކުރައްވާނެ ކަމަށެވެ.

ފަހު ދިހައިގެ ދުވަސްތަކުގައި ދުވާލުގެ އަޅުކަންތަކާއި، ހާއްސަކޮށް ރޭއަޅުކަންތަކުގެ މާތްކަމާއި ދަރުމަ ހޯދުމަށް ދިވެހި އެއްވެސް ރައްޔިތަކަށް ފުރުސަތު ހަނިވާނެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރުގެ މުވައްޒަފުންނަށް ރޭ އަޅުކަން އަދާކުރުމާއި، އުމުރާގެ އަޅުކަން އަދާކުރުމަށްވެސް ފަހު ދިހައިގައި ބޭނުންނަމަ އެކަން ކުރެވޭނެ ގޮތަށް ސަރުކާރު ބަންދު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ދީނާ ދުރުބަޔަކު ސަރުކާރުގައި ތިބޭނަމަ އެބޭފުޅުންނަށް ދީނީ ކަންކަމަށް އިސްކަން ދެވޭލެއް ކުޑަވާނެ. އަޅުގަނޑުމެން މި ރޯދަމަހު މާލޭގައި ތަކުބީރު ޖެހުމުން އެތައްބައެއްގެ ތާއީދާއި ލޯބި ލިބުނު. މިކަންކަން އަޅުގަނޑުމެން ކުރާނަން. އިރާދަ ކުރެއްވިއްޔާ ދީނީ ކަންކަމަށް ދޭ އިސްކަން ކުޑަކޮށްވެސް ފަނޑު ނުކުރެވޭނެ،"
މުއިއްޒު

ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ކަނޑައެޅުމަށް ޑރ.މުއިއްޒު ނިންމެވިއިރު ރައީސް ސާލިހު ވަނީ ރޯދަ މަހުގެ ފަހު ދިހަ ދުވަހު މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' ހެދޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.