ފުވައްމުލަކަށް ދިމާވެފައި ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ސިޓީގެ ހުޅަނގު ފަރާތުގައިވާ ހަތަރު ނެރު ބަންދުކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ޕްލޭނިން މިނިސްޓްރީގައި އެދިއްޖެ އެވެ.
ފުވައްމުލަކުގެ ބަނދަރު ހެދުމުގެ ކުރިން އެރަށައް ފޭބުމަށް ފަރު ގޮއްވައިގެން ހަދާފައިވާ ނެރުތައް ބަންދު ކުރުމަށް އެދިފައި މިވަނީ މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލަކު މާނޭރު ސަރަހައްދަށް މޫދަށް ގޮސް އުޅުނު އެރަށު ޔޫރޯ އަހުމަދު ފައުޒާން ގެނބިގެން މަރުވުމާއި ގުޅިގެން ނެރުތައް ބަނދު ކުރުމުގެ އަޑު ގަދަވެފައި ވަނިކޮށެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އެކަމަށް އެދި ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ރަށުގެ ނެރުތަކުގެ ސަބަބުން ގިނަ އަދަދަކަށް ވެއްޔާއި ގާ ބޭރުވަމުންދާ ކަމަށެވެ.
"މިކަން ހައްލުކޮށް ރަށްގިރުން ކުޑަކުރުމަށްޓަކައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފޭސް 2011 ވަނަ އަހަރު ވަނީ ފެށިފަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން މި ރަށުގެ އިރުމަތީ ފަރާތުގެ ހަތަރު ނެރު ވަނީ ބަންދުކުރެވިފަ އެވެ. އަދި އެކަމުގެ ނަތީޖާ ވެސް ރަނގަޅު ކަމަށް ރަސްގެފަންނު ސަރަހައްދަށް ބަލާލުމުން ފާހަގަކުރެވެ އެވެ." އެ ސިޓީގައި ލިޔެފައި ވެއެވެ.ފުވައްމުލަކު ކައުންސިލުން ބުނީ މި ވަގުތު ވެސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ބޮޑު ޕްރޮޖެކްޓެއް އެ ރަށުގައި ކުރިއަށްދާ ކަމަށާއި މި ދުވަސްވަރު ނެރުތައް ބައްދާލެވޭ ނަމަ ހަރަދު ކުޑަވާނެ ކަމަށެވެ.
އަދި އެމްޓީސީސީގެ އެކި މަޝްރޫއުތަކަށް ބޮޑު ހިލަ ރާއްޖޭގައި ގިނަވެފައި ހުރުމަކީ އެކަށީގެންވާ ކަމަކަށް ވާތީ، މި ދުވަސްވަރު މި މަސައްކަތް ކުރުމުން ހަރަދު ކުޑަކޮށް، ފުވައްމުލަކުގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
އެހެންކަމުން އެ ކައުންސިލުން އެދިފައި ވަނީ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ދެވަނަ ފޭސްގެ ގޮތުގައި އެ ރަށު ހުޅަނގު ފަރާތުގެ ހަތަރު ނެރު ބަންދުކޮށްދިނުމަށެވެ.