ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމަށް ވެރިކަން ލިބިއްޖެނަމަ އިޖްތިމާއީ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ ސޯޝަލް ހައުސިން އިން ދިގު މުއްދަތަށް ގިނަ އަދަދަކަށް ފައިސާ ނެގުމަކީ އިންސާފުވެރި ގޮތެއް ކަމަށް ގާބޫލު ނުކުރައްވާކަމަށެވެ.
އަދި ހަމަ ހިއްކި އެބިމުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ކުދި ކުދި ފްލެޓް ތަކުން 20 - 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީވެސް ކޮންކަހަލަ ހަމަ އަކުން، ކޮންކަހަލަ އިންސާފަކުން ކުރައްވާ ކަމެއްތޯ ގާސިމް ވަނީ ސުވާލު ކުރައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެފައިވާއިރު، ގާސިމް އާއި ޓީމުން ވެސް އަންނަނީ ރާއްޖޭގެ ރަށްތަކަށް ކެމްޕޭނަށް ދަތުރު ކުރައްވަމުންނެވެ. އެދަތުރު ތަކުގެ ތެރެއިން ޖޭޕީން އަންނަނީ އެ ޕާޓީގެ މެނިފެސްޓޯ އާއި ޕާޓީގެ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދެއްވަމުންނެވެ.
މިގޮތުން އެމަނިކުފާނުގެ ވެރިކަމެއްގައި 30،000 ހައުސިން ޔުނިޓް ގާއިމްކޮށް ބޭނުން ޖެހިފައިވާ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި އަޅާ 15،000 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގެ 15،000 ހައުސިން ޔުނިޓެވެ. ގާސިމްގެ ވެރިކަމެއްގައި އަޅާ 30،000 ހައުސިން ޔުނިޓުގެ ތެރެއިން 18،000 ހައުސިން ޔުނިޓު ހާއްސަކުރަނީ އަލަށް ބޯހިޔާވަހިކަމެއް ނުލިބޭ ނުވަތަ އަލަތު ކައިވެންޏަކަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށެވެ.
އަދި ގާސިމްގެ މެނިފެސްޓޯގައި ވަނީ ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ފަދަ ކުރިން ލިބިފައިވާ ފްލެޓުތަކަށް ދައްކަން ޖެހޭ ކުލި މައާފްކޮށްދޭނެއެވެ. ފުލުހުންނާ ސިފައިންނަށް ހާއްސަކޮށް 1000 ފްލެޓު އަޅައި ވެރިކަމުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހަވާލުކޮށްދޭން ވެސް ގާސިމް ވައުދު ވެއެެވެ.