އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުގެ (އައިއޭސީ) ދަށުން ހިންގާ ”ތަޖްރީ“ ޕްރޮގްރާމްގެ ދަށުން ދިވެހިންގެ އެހީގައި ސީރިޔާގައި ''މަސްޖިދުއް ސަލާމް'' ނަމުގައި މިސްކިތެއް ބިނާކޮށް ހުޅުވައިފިއެވެ.

އައިއޭސީން މައުލޫމާތު ދެއްވި ގޮތުގައި މި މިސްކިތުގައި 500 މީހުންނަށް ނަމާދުކުރެވޭ ޖާގަ އޮންނާނެއެވެ. އަދި މިސްކިތް ފުރިހަމަ ކުރެވިފައި ވަނީ ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު ތަކެތި ބޭނުން ކޮށްގެން ދިގު މުއްދަތަކަށް ހުންނާނެފަދަ ގޮތަށެވެ.

އެ މިސްކިތުގައި ނަމާދުކުރުމުގެ އިތުރުން ޤުރުއާން ކިޔަވަދިނުންފަދަ ޕްރޮގްރާމްތަށް ކުރިއަށް ގެންދާނެ ކަމަށް އައިއޭސީ އިން ބުނެއެވެ.

އައިއޭސީއިން ބުނެފައި ވަނީ ތަޖްރީއަކީ އަބަދު ވެސް ހުޅުވާލެވިފައިވާ ފަންޑެއް ކަމަށެވެ. ދެމިގެންދަނިވި ސަދަޤާތުގެ އެކި އެކި ޕްރޮޖެކްޓްތަކެއް ތަޖްރީގެ ތެރެއިން ކުރިއަށް ގެންދެވޭ ކަމަށް ވެސް އައިއެސީ އިން ބުނެއެވެ.

މީގެއިތުރުން ތަޖްރީ ޕްރޮގްރާމްގެ ދަށުން އައިއޭސީ އިން މިވަގުތު ދަނީ ޔަމަނުގައި ތިބި ސާފު ބޯފެން ނުލިބޭ އަދި ހޯދުމަށް ދަތިވެފައިވާ ފަރާތްތަކަށް ސާފު ބޯފެން ހޯދައިދިނުމަށް ފަންޑު ހޯދުމަށް ވަނީ ހުޅުވައިލައިފައެވެ.

އެ ޕްރޮޖެކްޓަކީ 1160 އާއިލާ ދިރިއުޅޭ ސަރަހައްދަކަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށް އައިއޭސީން ބުނެފައިވެއެވެ.