ބަޔަކާ ގުޅިގެން މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި، 43 އަހަރުގެ އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް ފަނަރަ ދުވަސް ޖަހައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިހަފުތާގެ އަންގާރަ ދުވަހު ހައްޔަރު ކުރި ސްޓެޕް އައްޔަ، ހައްޔަރުކުރިތާ 24 ގަޑިއިރުތެރޭ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރީ އިއްޔެގެ ވަގުތެއްގައެވެ. ކްރިމިނަލްކޯޓަށް ސްޓެޕް އައްޔަ ހާޒިރުކުރުމުން ކޯޓުގެ މުއްދަތު ކޮމިޓީން އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި، ފުލުހުން ސްޓެޕް އައްޔަގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މާރާމާރީ ހިންގުމާއި ފޭރުމުގެ ތުހުމަތެވެ.
ސްޓެޕް އައްޔަ ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކޮށް އެއީ އެހެން ބަޔަކު ކުރި ކަމެއް ކަމަށާއި އެތަން ހިނގިތަނެއް ދެވުނީ އެކަން ނިމުނު ފަހުން ކަމަށް ބުނެފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީވެސް އޭނާ ކަމަށް ބުނެފައިވާކަމަށް ކޯޓު އަމުރުގައި ވެއެވެ. އެހެންނަމަވެސް ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި ރަހީނު ކުރި މީހާގެ އެކައުންޓުން ފައިސާ ފޮނުވާފައިވާ މީހާގެ ކޭޝް ކާޑު ސްޓެޕް އައްޔަގެ އަތުން ވަނީ ފެނިފައެވެ.
ސްޓެޕް އައްޔަ ވަނީ ކުރިން ފުލުހެއްގެ ވަޒީފާގައި އުޅެފައި، ފަހުން ނެށުމުގެ ދާއިރާއަށް ނުކުމެފައެވެ. އެ ފަހުން ޕީޕީއެމްގެ ގުޅިގެން ސިޔާސީ ހަރަކާތްތަކުގައި އުޅުމަށްފަހު މިހާރު އުޅެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުފެއްދެވި ޕާޓީ އެމްޓީޑީގައެވެ.
ބަޔަކާ ގުޅިގެން މީހަކު ރަހީނުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓެޕް އައްޔަ ހޯދުމަށް، 21 މެއި 2022 ވަނަ ދުވަހުވެސް ފުލުހުން ވަނީ ވަނަވަރު އާއްމުކޮށްފައެވެ. ފުލުހުން އޭރު ސްޓެޕްއައްޔަ ހޯދަމުން ދިޔައީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން އެ ކޯޓަށް ހާޒިރުކުރުމަށެވެ.
އަދި އޭގެ ފަހުންވެސް ސްޓެޕްއައްޔަ ދިރިއުޅޭ ވަކިތަނެއް ނޭނގިގެން އޭނާ ހޯދުމަށް މި މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ އޭނާގެ ފޮޓޯއާއި ވަނަވަރުވެސް އާންމުކޮށްފައެވެ. ފުލުހުން މިފަހަރު އޭނާ ހޯދަމުން ދިޔައީ އެ ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ފޯޖަރީގެ މައްސަލައެއްގެ ތަހުގީގަކަށެވެ.
ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް މި މަހުގެ ހަތަރު ވަނަ ދުވަހު ހުށަހެޅުނު "ބަޔަކާ ބައިވެރިވެގެން މާލޭގެ ގެއެއްގައި ފިރިހެނަކު ހުއްދަ ނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް، އަދި އޭނާގެ ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފާ ކުރި މައްސަލައަކާ" ގުޅިގެންނެވެ.