ޕޮލިސް ސާޖަންޓް ކ. ކާށިދޫ/ކެތި، އާދަމް ހަލީމް މަރާލި މައްސަލައިގައި އޭނާގެ ގާތިލް ކ. ކާށިދޫ/ ސުވާސާގެ، މުހައްމަދު ސަމާހު މަރަން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި މިއަދު ނިންމާލައިފިއެވެ.

މި މައްސަލަ ސަމާހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ، އެ ދެ ކޯޓުން އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވަނީ ގޯސްކޮށް ކަމަށް ބުނެއެވެ. އެހެންކަމުން އެކަން ސާބިތު ކުރުމަށްޓަކައި ސަމާހުގެ ފަރާތުން އިސްތިއުނާފީ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހަތަރު ނުކުތާއެކެވެ.

ހައިކޯޓުން ސަމާހުގެ މައްސަލަ އަށް ތާއީދު ކޮށްފައިވަނީ ގޯސްކޮށްކަން ފާހަގަވާ ކަންތައްތައް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ސަމާހުގެ ދިފާއީ ވަކީލު ހަމްޒާލަތީފު ވިދާޅުވީ، އެ މައްސަލަ ބެލުމުގެ ސްކޯޕް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދަށު ކޯޓުގެ ހުކުމަކީ ނިހާއި ހުކުމެއްކަން ކަނޑައެޅުމަށް އޮންނަ ސުޕްރީމް ކޯޓުގެ އުސޫލާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައި ވަނީ މައްސަލައިގައި ޕީޖީން ހުށަހެޅި ނުކުތާތަކަށް ގޮތް ކަނޑައެޅުމުގެ އުސޫލުން، މައްސަލަ ރިވިއު ކުރުމަށް އޮންނަ އުސޫލާ ހިލާފަށް ކަމަށްވެސް ހަމްޒާ ލަތީފު ވަނީ ވިދާޅުވެފައެވެ.

ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ސަމާހު ކުށަށް އިއުތިރާފްވެފައިވާ ކަމަށް ކުރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމަވާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީގައި ބަޔާންކުރާ އަސަސީ ހައްގުތައް ސަމާހަށް ލިބި ނުދެވޭ ގޮތަށް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އަދި ސަމާހުގެ އިއުތިރާފްގެ މައްޗަށް، އެ މައްސަލައިގައި ހުކުމްކޮށްފައިވާ ކަމަށް ހުކުމުގައި ބުނާ އިރު، އޭނާ އެއްވެސް އިރެއްގައި ކުށަށް އިއުތިރާފްވެފައި ނުވާނެ ކަމަށް ބުނާ ބުނުމަށް ރިއާއަޔް ކުރުމެއްނެތި، އެކަމުން ރުޖޫއަ ވެވޭނެ ހާލަތެއްނެތް ކަމަށް ހުކުމްގައި ކަނޑައަޅާފައި ވަނީ، ގާނޫނު އަސާސީގައި ބުނާ މިންގަނޑަށް ލާއިންސާނީ އަނިޔާއިން ރައްކާތެރި ކުރުމުގެ ހައްގު ކަށަވަރުކޮށްދޭންޖެހޭ މިންގަނޑަށް ކަށަވަރު ކޮށްދިނުމެއް ނެތި ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި ތަކުރާރުކޮށް ދައުލަތުން ބުނަނީ، އާދަމް ހަލީމް މަރުވެފައިވަނީ، ސަމާހު ދިން ހަމަލާއިން ކަމަށާއި އެކަމަށް ސަމާހު އިއުތިރާފު ވެފައިވާ ކަމަށެވެ. އަދި އެއީ ގަސްތުގައި ކުރިކަމެއް ނޫން ކަމަށް އޭނާ މިހާރު ބުނަމުން ގެންދިޔަ ނަމަވެސް އެއީ އޭނާ ކުރިކަމެއް ކަމަށް އޭނާގެ ވާހަކައިން ސާބިތުވާ ކަމަށްވެސް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުގެ ވާހަކަތައް މިއަދުގެ އަޑުއެހުމުގައި ނިމިފައިވާތީ، ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދެން އޮންނާނީ މި މައްސަލައިގެ ހުކުމް އިއްވުން ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމަވައިލައްވާފައެވެ.

22 ޖުލައި 2012 ގައި ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އާދަމް ހަލީމް މަރާލި ކަމަށް ކުށް ސާބިތުވެ ސަމާހު މެރުމަށް 25 ޖެނުއަރީ 2013 ގައި ކްރިމިނަލްކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދު ކޮށްފައި ވަނީ 30 ސެޕްޓެމްބަރު 2020 ގައެވެ.