ކުރިއަށް އޮތް ސެޕްޓެމްބަރު 9 ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، އަދި މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވަނީ ރ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ދުވާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ތެލެސީމިއާ ކުދިންނަށް ހާއްސަ އެލަވަންސެއް ކަނޑަައަޅުއްވާނެކަަށް ވައުދުވެވަޑައިގެންނެވުމާއެކު އެރަށަށް ކޮށްދެއްވާނެ ކަންތައްތަކާއި އަދިވެސް އެހެނިހެން ކަންތަކާ ބެހޭ ގޮތުންވެސް ވާހަކަފުޅުދައްކަވާފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހުންގެ މައްސަލަތައް ވީއެންމެ އަވަހަށް ދައުވާކުރުމަށް، އެކަން ފަހިކުރުމަށް، 24 ގަޑިއިރުތެރޭ ނުވަތަ ލަސްވެގެން 48 ގަޑިއިރު ތެރޭ އެމީހަކަށް ދައު ވާކުރެވޭނެގޮތަށް ފުލުހުންގެ މަސައްކަތް ބައްޓަންކޮށް، "ވާނުވާ" ގަ ތިބުން ދާއިމީކޮށް ނިމުމަކަށް ގެންނާނޭ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ޖުޑީޝަރީ ތެރެއަށް ސިޔާސީ ނުފޫޒު ވަދެގެން ހައްގު ނޫން އަދަބު ދެވޭތަން ފެނިވަޑައިގަންނަވާ ކަމަށާއި، ދެން އެއަދަބުން އެމީހާ ސަލާމަތްވެގެން އައިސް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުސަތެއް ނޯންނަކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ ހައްގު ނޫންގޮތުގައި ހައްޔަރުކޮށް އަދަބުލިބޭ ފަރާތްތަކަށް ކޮމްޕެންޒޭޝަން ލިބޭނެ ގޮތްތަކާއި އުސޫލުތައް، މެނިފެސްޓޯގައި ހިމެނިފައި އޮންނާނެ ކަމަށާއި ކްރިމިނަލް ކޮމްޕެންޒޭޝަން ގާނޫނެއް ތައާރަފުކުރައްވާނެކަމަށެވެ.

ހަމައެހެންމެ ޖުޑީޝަރީއަށް ހުށަހަޅާ ރިފޯމްގެ ތެރޭގައި، ގައުމަށް ޣައްދާރުވުން ނުވަތަ ހައި-ޓްރީޒަންގެ ކުށާއި އޭގެ އަދަބު ބަޔާންކުރާ ގާނޫނެއް ތައާރަފު ކުރައްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް އެތައް ގިނަކަންތައްތަކަށް ހެޔޮ ބަދަލުތައް ގެންނަވާނެކަން ފާހަގަކުރައްވައި ދުވާފަރުގައި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި:

  • ކައުންސިލްތަކަކީ ސަރުކާރުގެ ސިދާ އެހީތެރިކަން ލިބޭ، ރައްޔިތުން ހޮވާފަތިބޭ ކައުންސިލަރުންނަށް ފުރިހަމަ ބާރުދީގެން ހިންގޭ ނިޒާމެއް ބައްޓަންކުރެވިގެންދާނެ
  • މަސްވެރިކަމަށް ހާއްސަ މިނިސްޓްރީއެއް، ދަނޑުވެރިކަމަށް ހާއްސަ "މިނިސްޓްރީއެއް ގާއިމުކުރާނަން
  • ޒުވާނުންގެ ދުޅަހެޔޮ ކަމަށްޓަަކައި، ޒުވާނުންނަށް ބޭނުވާ ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ ތެރެއިން ސްޕޯޓްސް ކޮންޕްލެކްސްއެއް ގާއިމުކޮށްދޭނަން
  • ކަނދޮޅުދޫ ގައި މަސްކިރޭނެ ރަނގަޅު ފެސިލިޓީއެއް ރަނގަޅު ފެންވަރުގެ ކޯލްޑް ސްޓޯރޭޖަކާއެކު ގާއިމުކޮށްދޭނަން.
  • ފާނައިގެ ހާއްސަ ފެސިލިޓީއެއް ގާއިމުކޮށްދޭނަން
  • ދުވާފަރުގައި ބޭންކުގެ ބްރާންޗެއް ގާއިމުކޮށްދޭނަން
  • ތައުލީމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް، ޖާގަ އިތުރުކޮށް، މި ރަށަށް ކިޔަވަން އަންނަ ކުދިން ގިނަކޮށް، ދަނާލެއް ގާއިމުކޮށް، ތައުލީމީ ނިޒާމް ވަރުގަދަ ކޮށްދޭނަން
  • އާމްދަނީ ހޯދޭނެ ގިނަ ވަސީލަތްތައް ފޯރުކޮށްދިނުމަށް، ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތުތުތައް ފަހިކޮށްދީ، އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ގާއިމުކޮށްދޭނަން
  • ސިއްހީ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން، މިރަށުގައި ރަނގަޅު ފެންވަރުގެ ހޮސްޕިޓަލެއް ގާއިމުކޮށްދޭނަން
  • ދުވާފަރު ހިއްކި ބިމުގައި ފެނާއި ކަރަންޓާއި ނަރުދަމާ ގާއިމުކޮށްދީ، ރައްޔިތުން ހަދާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ރޯހައުސްއާއި ފްލެޓްތައް ހިމެނޭ ގޮތުން ގެދޮރުވެރިކަން ޔަގީންކޮށްދޭނަން

ދުވާފަރުގެ ޖަލްސާގައިވެސް މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރެއްވުންކަމަށް ވިދާޅުވެފައެވެ.