އެންޑްރޮއިޑް އައިފޯނާ ވާދަކުރާހެން މިހާރު ފެންނަނީ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ސިޔާސަތު ކޮޕީކުރައްވާތަން ކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި ޅ. އޮޅުވެލިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ. އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިހާރު ފެނިވަޑައިގަންނަވަނީ އެމަނިކުފާނުގެ ސިޔާސަތުތައް އެހެން ކެންޑިޑޭޓުން ކޮޕީ ކުރައްވާ ތަން ކަމަށެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާއި އެމްޑީޕީގެ ވާދަވެރިކަން ރައީސްސާލިހު ސިފަކުރެއްވީ އައި ފޯނާއި އެންރޮއިޑުގެ ވާދަވެރިކަމުގެ ގޮތުގައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ސިޔާސަތެއް އިއުލާންކުރައްވާއިރަށް އެހެން ކެނޑިޑޭޓަކު ހަމަ އެވައުދު އެހެން ގޮތަކަށް އިއުލާންކުރައްވާކަމަށެވެ.

ރައީސް، ޅ އޮޅުވެލިފުށީގައި

އެހެންކަމަށްވިޔަސް އެމްޑީޕީގެ މެނިފެސްޓޯއަށްވުރެ ތަފްސީލީ އަދި ރައްޔިތުންނަށް ފައިދާކުރަނިވި މެނިފެސްޓޯއެއް އެހެން ކެންޑިޑޭޓެއްގެ ނޯންނާނެކަމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް، ޅ އޮޅުވެލިފުށީގައި
"އަޅުގަނޑު އަހާލިން އަޅުގަނޑުމެންނާ އެކީ ދަތުރުކުރާ ބައެއް ޔޫތު ވިންގުގެ ކުދިންނާ ކިހިނެއްހޭ އިލެކްޝަން ފެންނަނީ. ކެމްޕެއިން ދާގޮތް. އެކުދިން ބުނި ވަރަށް ރަނގަޅޭ. އެކަމު ވަރަށް މަޖާކަމެއް އެބަވޭ. އަޅުގަނޑު ބުނިން ކޮންކަމެއްހޭ މިވަނީ. އެތަނުން އެއްކުއްޖަކު ބުނީ އެޕަލް ފޯނާ އެންރޮއިޑުގެ ވާދަވެރިކަމުގައި އުޅޭހެނޭ މި ހީވަނީ. އެޕަލުން ބުނާނޭ މިފަހަރު ނެރޭ ފޯނުގައި ތިން ކެމެރާ އިންނާނޭ. ހަމަ ބުނާއިރަށް އެއް ހަފްތާފަހުން އެންރޮއިޑުން ބުނާނޭ އަހަރެމެން ނެރޭ ފޯނުގައި ހަތަރު ކެމެރާ ބައިންދާނަމޭ. ހަމަ އެހެން މިވަނީ. އަޅުގަނޑުމެން ހައުސިންގ ލޯން ހަ ޕަސެންޓަށް ކުޑަކުރާނަމޭ ބުނީމަ އިހަށްދުވަހު ބުނީ ފަސް ޕަސެންޓަށް ތިމަންނަމެން ދޭނަމޭ. އަޅުގަނޑުމެން އިހަށް ދުވަހު އިއުލާން ކުރީ ރޯދަމަހު ފަހު ދިހަ ދުވަސް ގޭގަ ތިބެހެން މަސައްކަތްކުރެވޭނެ ގޮތް ހަދާނަމޭ. އިއްޔެ އިއުލާންކުރީ ދިހަ ދުވަސް ބަންދުކުރާނަމޭ. އެކުދިން ބުނާހެން ފަހަތުން ދާހެން މިވަނީ. އެކުދިން ތަސައްވުރު ކުރާ ގޮތް މިއީ،"
ރައީސް ސާލިހު

ރައީސް ވަނީ ވާދަވެރި ކެންޑިޑޭޓުން ވެވަޑައިގަންނަވާ ވައުދުތަކާމެދު ވިސްނުމަށް އެދިވަޑައިގެންފައެވެ. ވާދަވެރިން ދައްކާ ވާހަކަތަކާމެދު ވިސްނުމަށާއި، އެމަނިކުފާނަށް ވުރެ ރައްޔިތުންނަށް ފައިދާވާ ސިޔާސަތުތަކެއް ގެންގުޅުއްވާ އެހެން ކެންޑިޑޭޓަކު ނެތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް، ޅ އޮޅުވެލިފުށީގައި

އަދިވެސް އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ވޯޓެއް ނެގިއަސް އެއްބުރުން އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ސެޕްޓެމްބަރު ނުވައެއްގައި ނަގާ ވޯޓު އެއަށްވުރެ މާ ފުރިހަމައަށް އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ފެންނަނީ މިއަދު ވޯޓު ނެގިއަސް އެއްބުރުން ކާމިޔާބުކުރާތާނަން. އަދި މާދަމާ ވޯޓު ނަގައިފިއްޔާ އެއަށްވުރެ ކާމިޔާބުވާނެ. ނުވައެއް ސެޕްޓެމްބަރުގައި އަދި މާ މާ މާބޮޑުތަނުން ކާމިޔާބުކުރާނަން،"
ރައީސް ސާލިހު

އޮޅުވެލިފުށީގެ ތަރައްގީއަށް ކޮށްދެއްވުމަށް ރައީސް ވިދާޅުވި ކަންތައްތަކުގެ ތެރޭގައި:

  • އައު ކައުންސިލް އިދާރާއެއް އެޅުން
  • އޭޓީއެމްގެ ހިދުމަތް
  • އައު މިސްކިތެއް ބިނާކުރުން
  • ބިން ހިއްކާ ހައުސިންގ ޔުނިޓް އެޅުން
  • ފެނާ ނަރުދަމާ ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް
  • ބޮޑެތި މަގުތައް ތާރު އަޅައިގެން ތަރައްގީކުރުން
  • ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުން