ކެންޔާގެ ރޭލްވޭ ހަދަން ޗައިނާއިން ނަގާފައިވާ ދަރަނި ދެއްކެން ނެތްކަމަށް ބުނެ، ދަރަނި ދެއްކުމަށް އައު ތާވަލެއް ހެދުމަށް ކެންޔާގެ ޕާލަމެންޓުން ހުށަހަޅައިފިއެވެ.
ވެރިރަށް ނެއިރޯބީން ފެށިގެން އައްސޭރިފަށުގެ މޮމްބާސާއަށް ދަތުރުކުރާ ރޭލްވޭ ހަދާފައިވަނީ ޗައިނާ އިންނެވެ. މިކަމަށް ކެންޔާއިން 4.5 ބިލިއަން އެމެރިކާ ޑޮލަރު ޗައިނާއިން ނަގާފައި ވެއެވެ.
ކެންޔާގެ ޕާލަމެންޓްގެ ޓްރާންސްޕޯޓް ކޮމިޓީގެ ރައީސް ޑޭވިޑް ޕްކޯސިންގ ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ދަރަނި އެއްކޮށް ދައްކަން އައު ތާވަލެއް ހަދަނ ވެއްޖެއެވެ. އަދި ރިބާ ކުޑަކޮށްފައި، ދަރަނި ދައްކަންވާ މުއްދަތު ދިގުކުރުމަށްވެސް އޭނާ ވަނީ ހުށަހަޅުއްވާފައެވެ.
ނެއިރޯބީ މޮމްބާސާގެ ރޭލްވޭއިން އަދި އެއްވެސް ފައިދާއެއް ނުދައްކައެވެ. މި ރެއިލްވޭ ހިންގަނީ ޗައިނާގެ ޗައިނާ ރޯޑް އެނޑް ބްރިޖް ކޯޕަރޭޝަނުންނެވެ. މިއީ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) ގެ ސަބްސިޑިއެރީއެކެވެ.
ކެންޔާގައި ރޭލް އޮޕަރޭޓް ކުރާ ޗައިނާ ކުންފުންޏަކީ އެފްރިކާ ސްޓާރ އެވެ. އެފްރިކާ ސްޓާރއަށް ކެންޔާ ސަރުކާރުން ކޮންމެ މަހަކު އެމެރިކާ އެއް މިލިއަން ޑޮލަރު ހޭދަ ކުރެއެވެ.
ވޮއިސް އޮފް އެމެރިކާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާއަށް ދަރަނި ދައްކަން ދޭން ޖެހޭ ފައިސާ ކެންޔާއަށް ވަނީ، 2017ން ފެށިގެން 21 މަސް ދުވަސްވަންދެން ދެއްކުމަށް ނުކުޅެދިފައެވެ.
ކެންޔާ ސަރުކާރުން އެފްރިކާ ސްޓާރއަށް މިހާތަނަށް 380 މިލިއަން ޑޮލަރު ދައްކަން ޖެހި ނުދައްކާފައިވާ ކަމަށް އީސްޓް އެފްރިކަން ނިއުސް އިން ރިޕޯޓްކޮށްފައި ވެއެވެ.
އީސްޓް އެފްރިކަންއާ ވާހަކަ ދައްކަވަމުން ޕާލަމެންޓްގެ ބަޖެޓް ކޮމިޓީގެ ރައީސް ކިމާނީ އިޗުންގަވާ ވިދާޅުވީ "ބައެއް އިންވެސްޓްމެންޓް ނިންމުންތައް ކެންޔާއިން ނިންމާފައިވަނީ އެންމެ ރަނގަޅަކަށް ނޫން" ކަމުގައެވެ. އެހެންވެ ފައިސާދިން މީހުންނާ ވާހަކަ ދައްކައިގެން އަމިއްލަ ހާލާގެން އުޅެވޭ ގޮތަށް ސަލާމަތްވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިއީ ނިކަން ފަސޭހައިން ކުރެވިދާނެ ކަމެއް. ޗައިނާ މީހުންނާއެކު އިށީދެ ތިބެ ބުނަންވީ، އަހަރަމެންނަށް މި އޮތީ ގޯހެކޭ ހެދިފަ. އަހަރެމެން އެބަ އޮތޭ މިވަރު ދައްކަން. އެކަމަކު އަހަރަމެން އަތުން ހޯދަން ތިއުޅެނީ މާގިނައިން ނޭ" އިޗުންގަވާ ވިދާޅުވިއެވެ.
މޮމްބާސާ ނެއިރޯބީ ރެއިލްވޭ ވަނީ އޭގެ ދެވަނަ އަހަރުވެސް ގެއްލުމުގައި ހިންގާފައެވެ.
މި ރޭލް އޮޕަރޭޓް ކުރުމަށް 170 މިލިއަން ޑޮލަރު ހޭދަވާއިރު މިއިން ލިބެނީ 120 މިލިއަން ޑޮލަރެވެ.
މިހާތަނަށް ޗައިނާއާއެކު ދަރަނި އަލުން ތާވަލް ކުރުމުގައި ކާމިޔާބު ވެފައިވަނީ އެންގޯލާއާއި އިތިއޯޕިއާ އިންނެވެ.