ރާއްޖޭގެ ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ތޭރަ ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގެވި ކަމަށާއި، އެހެންނަމަވެސް އެންމެ ރުފިޔާއެއްގައި ވެސް ޖެހިފައި ނުވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނުގައި، ލ ފޮނަދޫއަށް ވަޑައިގެން، ރޭ އެރަށުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ހައުސިން މިނިސްޓްރީގައި ހަތް އަހަރު އެތައް ފައިނޭންސް އެގްޒެކެޓިވުންނަކާއި މާލީ ޒިންމާދާރުވެރިންނާއި 1،500 އެއްހާ މުވައްޒަފުން ތިބި ކަމަށާއި ފައިސާއާ ގުޅޭ ވަކި މަޝްރޫއެއް ވަކި ބަޔަކާ އެމަނިކުފާނު ހަވާލުކުރެއްވިކަމަށް އެ އިން އެއްވެސް މީހަކު އަދި މުވައްޒަފަކުވެސް ނުބުނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީން ވަކި ބަޔަކަށް އަވަހަށް ފައިސާ ދިނުމަށް މުވައްޒަފުންނަށް، އަންގަވައި އެފަދަ ކަމެއް ދުވަހަކު ވެސް ކޮށްފަައި ނުވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"ކޮންމެ އެއްޗަކަށް އަޅުގަނޑު ޖަވާބު ދިނިން. ސާފުކޮށް ޖަވާބު ދިނިން. މިހާރު ވެސް ޖަވާބު ދޭނަން. އަޅުގަނޑު ކަންބޮޑު ވާން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ،"
މުއިއްޒު

މުއިއްޒު ވިދާޅުވީ ކޮންމެ ސުވާލަކަށްވެސް ކޮންމެ އެއްޗަކަށްވެސް ސާފުކޮށް ޖަވާބު ދެއްވި ކަމަށާއި އަދިވެސް މިހާރުވެސް ޖަވާބު ދެއްވާނެކަމަށެވެ. އަދި އެމަނިކުފާނު ކަންބޮޑުވެލައްވަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ވާދަ ވެރިން، އެމަނިކުފާނުގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރަމުން އަންނައިރު، އެމަނިކުފާނާއި ދެކޮޅަށް ހެކި ނުދެއްކޭނެ ކަމަށެވެ. ހެކި ދައްކަންޏާ ޖެހޭނީ ވަކިން ހެކި އުފައްދަން ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.