ސިޔާސީ މީހުން ޒުވާނުން ގެންގުޅެނީ ފެންކައްކާ ބޮލީގެ އިއްޒަތް ދީގެން ރާޒުވާ ކުޅިބައެއްގެ ގޮތުގައިކަމަށާއި ޒުވާނުން ނިކަން ލޯ ހުޅުވައިގެން ސަމާލުވެ ތިބުމަށް، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޓްރާސްޕޯޓް މިނިސްޓަރ އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ރޭ ގޮވާލައްވައިފިއެވެ.
ހުޅުމާލެ ފޭސް-2 ހަދާފައިވާ ޖޭޕީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ސިޔާސީ މީހުން ޒުވާނުން ގެންގުޅެނީ ރާޒުވާ ކުޅިބަޔަކަށް ހަދައިގެން ކަމަށާއި ޒުވާނުންނަށް ދެނީ ފެން ކައްކާ ބޮލީގެ އިއްޒަތްކަން ފާހަގަކުރައްވައި ނަހުލާ އެދިވަޑައިގެންނެވީ ސިކުނޑީގައި ތެތްކަމެއް ބަހައްޓައިގެން, ލޯ ހުޅުވައިގެން ޒުވާނުން އެކަމަށް ވަރަށް ރަނގަޅަށް ސަމާލުވުމަށެވެ.
ވޯޓަށް އެއްވެސް ޕާޓީއަކަށް އަމިއްލަ ނަފްސު ވިއްކާ ނުލުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން، ޒުވާނުންނަކީ މާދަމާގެ މުސްތަގުބަލު ކަމާއި ގައުމުގެ ޝަރަފު ކަމަށް ސިޔާސީ މީހުން ބުނި ނަމަވެސް އެއީ ހަގީގަތުގައި އެއްވެސް އަގެއް ހުރެގެން އެ ބަޔަކު ދައްކާ ވާހަކައެއް ނޫން ކަމަށެވެ.
ނަހުލާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމްގެ ވެރިކަމެއްގައި ޒުވާނުންނަށް ފުރިހަމަ ބާރު އޮންނާނެ ކަމަށާއި ޖޭޕީގެ ސަރުކާރެއްގައި ކަންކަމުގައި ގޮތް ނިންމުމުގައި އެންމެ އިސްސަފުގައި ތިބޭނެ އެއް ބަޔަކީވެސް ޒުވާނުން ކަމަށެވެ. އަދި ޒުވާނުންގެ އީޖާދީ ވިސްނުންތަކަށް ގާސިމް އިސްކަން ދެއްވާނެ ކަމަށާއި އޭނާއަކީ ކުރިއަށް ވިސްނަވާ "ވިޝަނަރީ" ލީޑަރެއް ކަމަށްވެސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ނަހުލާ ވަނީ ގާސިމުގެ ނަން ހުތުރު ކުރަން ސޯޝަލް މީޑިއާގައި އާންމުން ދައްކާ ވާހަކަތަކަށްވެސް ރައްދު ދެއްވައިފައެވެ. ނަހުލާ ވިދާޅިުވީ ކޮންމެ ސަރުކާރަކުން ބޮޑު ޕޯޝަނެއް ނަގައިގެން ބުރުމާ ގާސިމް އިންނަނީ ގޭގައި ކަމަށް މަންޒަރުތައް ދައްކާކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވިޔަސް، ނަހުލާ ވިދާޅުވި ގޮތުގައި، ކިސަޑު ގަނޑެއްގައި އޮތަސް ޖަވާހިރެއް ވާނީ ހަމަ ޖަވާހިރަކަށެވެ.
ސޯޝަލް މީޑިއާގައި ގާސިމޭ ކިޔައިގެން ޖަހާނެ ސަކާރަތެއް ޖަހަންވީ ކަމަށާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ ހައިސިއްޔަތުން ނިކުމެ ހުންނެވީ ގާސިމް ވެރިކަމަށް ގެންނަން އަތުކުރި އޮޅާލައިގެން ކަމަށްވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.
ދަރިންނާއި އަނބިންނަށް ދޭން ޖެހޭ ވަގުތު މަދުކޮށް, ވޭތުވެދިޔަ ސާޅީސް އަހަރު، ގާސިމް ހޭދަކުރެއްވީ މި ގައުމުގެ ލޮބުވެރި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށް ވެސް ނަހުލާ ވަނީ ވިދާޅުވެފައެވެ.