ކުރިއަށް އޮތް 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިޔާގެ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ބަލި ކުރުމަށްޓަކައި 28 ޕާޓީއަކުން އެކުގައި މަސައްކަތް ކުރަން އެއްބަސްވެ "ދި އިންޑިޔަން ނެޝަނަލް ޑިވެލޮޕްމަންޓް އިންކްލޫސިވް އެލަޔަންސް (އިންޑިޔާ)" ގެ ނަމުގައި ވަރުގަދަ އިއްތިހާދެއް މިއަދު އުފައްދައިފިއެވެ.
މި އިއްތިހާދުގެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، ސޯނިއާ ގާންދީ އާއި ދަރިކަނލުން ލީޑް ކުރައްވަމުން ގެންދަވާ ކޮންގްރެސް ޕާޓީއެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން ސޯނިޔާ ގަންދީ އާއި ނެޝަނަލިސްޓް ކޮންގްރެސް ޕާޓީ އާއި ޖަނަތަ ޑަލް ޕާޓީގެ ލީޑަރުން މިއަދު ވަނީ މުމްބާއީގައި ބައްދަލު ކުރައްވައި އިންތިހާބުގައި ސީޓްތައް ބަހާނެ ގޮތްތަކާ ގުޅޭ މަޝްވަރާ ކުރައްވާފައެވެ.
މޯދީގެ ބީޖޭޕީއާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްތިހާދު ހެދި 28 ޕާޓީއިން އެއްބަސްވެފައި ވަނީ ކޮންމެ ސަރަހައްދަކަށްވެސް އެންމެ ތާއީދު ބޮޑީ ކޮން ޕާޓީއެއްތޯ ބެލުމަށްފަހު އެސަރަހައްދަކަށް އެއްޕާޓީއަކުން ވާދަ ކުރުމަށެވެ. ބޭނުމަކީ އިދކޮޅު ފަރާތްތަކަށް ލިބޭ ވޯޓު ބައިބައިވުމުން އެކަމުން ބީޖޭޕީއަށް އެޑްވާންޓޭޖް ނެގިޔަ ނުދިނުމެވެ.
2014 ވަނަ އަހަރު ބޮޑުވަޒީރު ކަމަށް އިންތިހާބްވި މޯދީއަކީ ހަރުކަށި ހިންދޫންގެ މެދުގައި ވަރަށް މަގްބޫލް ބޭފުޅެކެވެ. އެކަމަކު އިންޑިޔާގައި މުސްލިމުންނަށް ކުރާ އަނިޔާ އާއި ރޭޕް ކޭސްތަކާއި ޒުވާނުންނަށް ވަޒީފާ ލިބޭ ނިސްބަތް ދަށްވުމުގެ ސަބަބުން ފާއިތުވެދިޔަ ދެއަހަރެއްހައި ދުވަހުގެ ތެރޭގައި މޯދީގެ މަގުބޫލްކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.