އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ މެދުގައި ބައްވާ ބަހުސް މިރޭ އޮންނާނެއެވެ.

ސަންގު ޓީވީން އިންތިޒާމު ކޮށްގެން ބާއްވާ މި ބަހުސް އޮންނާނީ މިރޭ 21:00 އިން 23:00 އަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައެވެ. ޓީވީ މޯލްޑިވްސްއިން މިފަދަ ބަހުސެއް ބޭއްވުމަށް މަސައްކަތް ކުރި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިހު ބައިވެރި ނުވާތީ ބަހުސް ވަނީ ފަހުން ކެންސަލް ކޮށްފައެވެ.

ސަންގް ޓީވީއިން މިރޭ ބާއްވާ ބަހުސްގައި އިންހާބުގައި ވާދަކުރާ 8 ކެންޑިޑޭޓުންވެސް ބައިވެރިވާނެއެވެ. ސަންގު ބަހުސް ފުރަތަމަ ބޭއްވުމަށް ހަމަޖެއްސީ އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ރިޔާސީ ބަހުސް ބާއްވާފަދައިން ހަމައެކަނި ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައެވެ. އެހެން ނަމަވެސް ރައްޔިތުންގެ ހިޔާލަށް ހުޅުވާލުމަށްފަހު ރައްޔިތުން އެދުނު ގޮތަށް މިހާރު ސަންގުން ވަނީ މި ބަހުސްގައި ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިކުރުމަށް ނިންމާފައެވެ.

ޕާޓީތަކުގެ ޓިކެޓްގައި ނިކުންނެވި ބޭފުޅުން:

  • ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް / މުހައްމަދު އަސްލަމް (އެމްޑީޕީ)
  • ޑރ. މުހައްމަދު މުޢިއްޒު / ޙުސެއިން މުހައްމަދު ލަޠީފް (ޕީއެންސީ)
  • ގާސިމް އިބްރާހިމް / ޑރ. އަމީން އިބްރާހިމް (ޖުމްހޫރީ ޕާޓީ)
  • މުހައްމަދު ނާޒިމް / ޑރ. އަހުމަދު އަދީލް ނަޞީރު (އެމްއެންޕީ)
  • އިލްޔާސް ލަބީބް / ހުސެއިން ޢަމްރު (ދަ ޑިމޮކްރެޓްސް)

އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން:

  • އަޙްމަދު ފާރިސް މައުމޫން / ޑރ. އަބްދުއްޞައްތާރު ޔޫސުފް
  • އުމަރު ނަސީރު / މުހައްމަދު ސަލީމް
  • ޙަސަން ޒަމީލް / މަރިޔަމް ޢަލީމް

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ބްރޯޑްކާސްޓަރުން އިންތިޒާމުކުރާ ކަންކަމުގައި، ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަކީ ލާޒިމްކަމެކެވެ.

ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މީ އެންމެ ގިނަ ބަޔަކު ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިޚާބަށް 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.