ކޮންމެ ކަމެއްގައި ތެދުވެ ސަރުކާރާ އިދިކޮޅަށް ވާހަކަދެއްކުމަކީ ޑިމޮކްރަސީ ނޫން ކަމަށާއި އެފަދަ ކަންކަމުގައި ދެކޮޅަށް ވާހަކަދައްކަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ތިއްބަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުން ވަނީ ސަރުކާރަށް ސްޕަރ މެޖޯރިޓީ ދީފައި ކަމަށާއި އެހެންކަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތިއްބަވަން ވާނީ ސަރުކާރާ އެއްކޮޅަށް ކަމަށް ރައީސް ވަނީ މި ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

ކޮންމެ ކަމެއްގައި ތެދުވެވަޑައިގެން ސަރުކާރާ އިދިކޮޅަށް ވާހަކަދެއްކެވުމަކީ ސްޓޭންޑް ނެންގެވުމަކީ ޑިމޮކްރަސީއެއް ނޫންކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ މަޖިލީހުގައި ސަރުކާރާ އިދިކޮޅު ވާދަވެރި އެމްޕީން ތިއްބަވާނެކަމަށާއި އެބޭފުޅުން ވާހަކަ ދައްކަވަންވާނެ ކަމަށެވެ. އޭގައި ހުރި ކަންތައްތަކާ ދޭތެރޭ ފާޑުވިދާޅުވުމަކީ އެބޭފުޅުންގެ ޒިންމާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެނެއްކަމަކު ގައުމީ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުން އެއްމިސްރާބަކަށް ހުންނަން ޖެހޭ ބައެއް ކަންތައްތައްވެސް އަންނާނެކަމަށާއި އެ ކަންތައްތަކުގައި ހުރިހާ ބޭފުޅުންގެ ތާއީދު، އެކަމަކާ ގުޅިގެން ލިބެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

"ކޮންމެ ކަމެއްގައި ތެދުވެވަޑައިގެން ސަރުކާރާ އިދިކޮޅަށް ވާހަކަދެއްކެވުމަކީ، ސްޓޭންޑް ނެންގެވުމަކީ ޑިމޮކްރަސީއެއް ނޫން. މަޖިލީހުގައި ތިއްބަވާނެ ސަރުކާރާ އިދިކޮޅު ވާދަވެރި އެމްޕީން. އެބޭފުޅުން ވާހަކަދައްކަވަން ވާނެ، އޭގައި ހުރި ކަންތައްތަކާ ދޭތެރޭ ފާޑުވިދާޅުވަން ވާނެ. އެބޭފުޅުންގެ ޒިންމާއަކީ އެއީ. އެކަމަކު ގައުމީ މަސްލަހަތު ހިމެނޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވިސްނުން އެއް މިސްރާބަކަށް ހުންނަން ޖެހޭ ބައެއް ކަންތައްތައް އަންނާނެ. އެ ކަންތައްތަކުގައި ހުރިހާ ބޭފުޅުންގެ ތާއީދު، ކޮންމެހެން ސަރުކާރަށް ތާއީދުކުރުމެއް ނޫން، އެކަމަކާ ގުޅިގެން ލިބެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ،"
ރައީސް ސާލިހު

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން މަސައްކަތްކުރައްވަން ވާނީ ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓަން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުގެ ގޮތުގައި އެމަނިކުފާނު ވެސް ހުންނެވީ އެގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހިޔާލުތަފާތުވުން ހުރި ކަންކަމުގައި ވާހަކަދައްކައިގެން އިސްލާހުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ދައުރު ފެށުމާއެކުގައި އެ ލިބުނު ސުޕަމެޖޯރިޓީއާ އެކީގައި އެ މަނިކުފާނު ބޭނުންފުޅުވެވަޑައިގަންނަވާ ސްޕީޑުގައި، ބޭނުންފުޅުވާ ވަރަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އެހީތެރިކަން ލިބިވަޑައިގެންފައިނުވާ ކަމަށްވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.