ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް އޭރުގެ އެމްޑީޕީ މަޖިލިސް މެމްބަރުން ދެއްވި ނަމަވެސް، މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ނަޝީދުގެ އެއްބާރުލުން ނުލިބުނު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮޮގްރާމަށް ދެއްވި އިންޓަވިއުއެއްއެވެ.

މިއިންޓަވިއުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުން މަޖިލީހުގައި މަސައްކަތް ކުރައްވަން ވާނީ ސަރުކާރުގެ ސިޔާސަތުތައް ދަމަހައްޓައި ޕްރޮމޯޓު ކުރަން ކަމަށެވެ. މަޖިލީހުގެ ކޮންމެ މެންބަރަކީ ދާއިރާއެއް އަދި ރައްޔިތުންތަކެއް ތަމްސީލުކުރައްވާ ބޭފުޅަކަށްވާތީ، ހިޔާލު ތަފާތުވުން ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލިހުގައި އުޅުއްވި ދުވަސްވަރު ސަރުކާރުން ހުށަހަޅާ ބިލުތަކާއި ސަރުކާރުން ބޭނުންވި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވިކަމަށާއި އެހެންނަމަވެސް މިދައުރު ފެށުމާއެކު މިސަރުކާރަށް ލިބިފައިވާ ސުޕަ މެޖޯރިޓީއާ އެކީ އެމަނިކުފާނު ބޭނުންފުޅުވާ ބާރުމިނުގައި، ބޭނުންވާ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް ބޭފުޅުންގެ އެހީތެރިކަމެއް އެމަނިކުފާނަށާއި މިސަރުކާރަށް ނުލިބޭކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އެ ގޮންޖެހުންތަކާއެކު، މަޖިލީހުގެ މެޖޯރިޓީ ސަރުކާރާއެކު ދަމަހައްޓަން މަޖުބޫރުވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ރާއްޖޭގެ ގާނޫނުއަސާސީ އޮތް ގޮތުން، ސަރުކާރާ އެއްކޮޅަށް މަޖިލީހުގެ މެޖޯރިޓީ ނެތް ހާލަތެއްގައި ސަރުކާރު ހިންގަން ވަރަށް ދަތިވާނެ، އެ މެޖޯރިޓީ ދެމެހެއްޓުމަށް މަސައްކަތް ކުރެއްވީ އެހެންވެ، މިހާ ހިސާބަށް ސަރުކާރު މި ގެނެވުނީ އެ ކުރެވުނު މަސައްކަތުގެ ސަބަބުންނޭ ބުނެވިދާނެ. އެހެން ނޫނީ، އަޅުގަނޑުގެ ވަގުތު ބޮޑަށް ހުސްކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް. ވާނުވާ ބަލައި އެ ތަނަށް ހުށަހެޅޭ ބިލުތައް ފާސްކުރުމާއި ސިޔާސަތުތައް ތަންފީޒު ކުރުމުގައި ބޭނުންވާ އެހީތެރިކަން ހޯދުމަށް،"
ރައީސް ސާލިހު

ކޮވިޑުގެ ތެރޭގައި މަޖިލިސް ތެރެން ކުރިމަތިވި ގޮންޖެހުންތައް މިސާލަކަށް ނަންގަވައި، ރައީސް ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮތް ނަމަވެސް، ސަރުކާރުގެ ނިންމުންތަކަށް މަޖިލީހުގެ ތެރެއިން ދިޔައީ ދެކޮޅު ހަދަމުން ކަމަށެވެ. އޭގެ ސަބަބުން ވަރަށް ދަތި އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.