ދިރާގުން އެހެން އަހަރުތަކެކޭވެސް އެއްގޮތައް ކުރިއަށް ގެންދާ ރޯޑު ރޭހުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ ކުރިއަށް އޮތް އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.

ދިރާގުން މިއަދު ބުނީ ދިރާގު ރޯޑްރޭސްގައި ބައިވެރިވުމަށް ކުރިން މިދިޔަ މަހުގެ 30 ވަނަ ދުވަހާއި ހަމައަށް މުއްދަތު ކަނޑައެޅިނަމަވެސް މިހާރު އެފުރުސަތު މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތް ތިން ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މުޅި ޖުމްލަ 12 އެންޖީއޯއަކުން ބައިވެރިވާކަމަށާއި އަދި އެންޖީއޯތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ އިވެންޓްތައްވެސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މުބާރާތުގައި އެންމެ ކުޑަ އުމުރަކަށް ބައިވެރިވެން ހަމަޖެހިފައިވަނީ އުމުރުން ހަތް އަހަރުގެ ކުދިންނަށް ކަމަށް ދިރާގުން މައުލޫމާތު ދިނެވެ.އަދި ބިބް ވެސް ދޫކުރާނީ އުމުރުން ހަތް އަހަރުން މަތީ، ރޭހުގައި ރަޖިސްޓްރީވެފައިވާ ކުދީންނަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ދިރާގު ރޯޑުރޭސް 2023 ގެ ދިހަ ކިލޯމީޓަރުގެ ދުވުންތެރިން ފަށާގަޑިއަކީ އެ ދުވަހުގެ ފަތިހު 5:30 އެވެ. އަދި ފަސް ކިލޯ މީޓަރު އޯޕަން ކެޓަގަރީގެ ދުވުންތެރިން ދުވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މިއަހަރުވެސް މުޅި ޖުމްލަ މުބާރާތުގައި ބައިވެރިވޭ މީހުންގެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަދުވެގެން 4000 އެވެ.އަދި މި އަހަރުވެސް ދިރާގު ރޯޑުރޭސްގައި ވަނަވަނައަށް ބައިވެރީންނަށް އިނާމު ދިނުމަށް ހަމަޖެހިފައިވާއރު، މި ފަހަރުގެ ދިރާގު ރޯޑު ރޭސްގައި ދެލައްކަ ރުފިޔާފެ ފައިސާގެ އިނާމު ފަސް އެންޖީއޯ އަކަށް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ.

ދިރާގު ރޯޑްރޭސް އެންމެ ފުރަތަމަ ފެށީ 2007 ވަނަ އަހަރުގައެވެ.