މިމަހު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ރާއްޖެ އާއި ރާއްޖޭން ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން ހިމެނޭގޮތުން 8،499 ފަރާތަކުން އޮބްޒާވް ކުރާނެ ކަމަށާއި އިންތިހާބުގެ ސިއްރުކަން ގެއްލޭފަދަ އެއްވެސް ކަމަކަށް އަދި އިންތިހާބަށް ނުފޫޒު ފޯރުވަފާނެ އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް އިިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން މިފަދައިން ޔަގީންކަން ދީފައި ވަނީ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިންތިހާބުގެ ކަންކަން ބެލުމަށްޓަކައި، އިންޓަޝޭނަލް އޮބްޒާވަރުންގެ ގޮތުގައި މިހާރު 143 ފަރާތް އީސީގައި އެކްރެޑިޓް ކޮށްފައިވާ ކަމަށާއި، އިންޓަނޭޝަނަލް މޮނިޓަރުންގެ ގޮތުގައި 22 ފަރާތް އެކްރެޑިޓްކޮށްފައިވާކަން ހާމަކުރައްވަމުން، އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ވޯޓުގެ ސިއްރުކަން ކަށަވަރުކޮށް އިންތިހާބުގެ ކަންކަން ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ފުރިހަމައަށް ކުރުމަށް ކޮމިޝަނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ.

"ސިޔާސީ ގޮތުން ބައެއް ކަހަލަ ވާހަކަތައް އަޑުއިވުނު ނަމަވެސް ދިވެހި ރައްޔިތުންނަށް ކޮމިޝަންގެ ފަރާތުން ޔަގީންކަން އަރުވަނީ މި އިންތިހާބުގެ އެއްވެސް ހިސާބެއްގައި މަކަރެއް، ހަމަނުޖެހުމެއް ހެދުމުގެ އެއްވެސް ފުރުސަތެއް އަޅުގަނޑުމެން ނުދޭނެކަން،"
އީސީގެ ނައިބު، އިސްމާއީލް ހަބީބު

އިންތިހާބުގެ ސިއްރުކަން ގެއްލޭ ފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެކަމުގެ ޔަގީންކަން ދެއްވައި، ހަބީބު ވިދާޅުވީ ކޮންމެ އިންތިހާބަކާއި ގުޅިގެން އަބަދުވެސް އިދިކޮޅު ފަރާތްތަކުން، ވޯޓުގެ ސިއްރުކަން ގެއްލުމާއި، އިންތިހާބަށް ނުފޫޒު ފޯރުވާފަދަ ވާހަކަތައް ދައްކާވާނެ ކަމަށާއި އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފަރާތަކާއި ގުޅިގެން ނުވަތަ އެއްވެސް ސިޔާސީ ޕާޓީ އަކާއި ގުޅިގެން އިންތިހާބަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީންކަން ދެން، އިލެކްޝަން ކޮމިޝަނުން އެއްވެސް ފަރާތަކާއި، އެއްވެސް ޕާޓީއަކާއި ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވިދާނެ، އިންތިހާބުގެ ސިއްރުކަން ގެއްލިދާނެ އެއްވެސް ކަމަކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަން."
ހަބީބް

ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމަށް ރާއްޖޭން ބޭރުން ވަޑައިގަންވާ 165 ބޭފުޅުން މިމަހުގެ ހަ ވަނަ ދުވަހު ރާއްޖެ އަންނަން ފަށާނެ ކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ.

މިއަދާ ހަމައަށް އައިއިރު މާލެ އަތޮޅު ފިޔަވާއި އެހެން ހުރިހާ ރަށަކަށް ވޯޓު ކަރުދާހާއި، ވޯޓު ލާ މީހުންގެ ލިސްޓު ފައިނަލްކޮށް ފޮނުވާފައިވާކަމަށްވެސް ހަބީބު ވަނީ ވިދާޅުވެފައެވެ. މިމަހުގެ 4 ވަނަ ދުވަހު މާލެ އަތޮޅުގެ ރަށްތަކަށްވެސް ވޯޓު ކަރުދާހާއި، ވޯޓު ލިސްޓު ފޮނުވާނެކަމަށާއި ރާއްޖެއިން ބޭރަށް ފޮނުވާ ވޯޓު ކަރުދާހާއި، އެހެނިހެން ތަކެތި މިމަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު ފޮނުވާނެކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި މިމަހުގެ 8 ވަނަ ދުވަހު ރިސޯޓުތަކަށް ވޯޓު ކަރުދާސް ފޮނުވާނެ ކަމަށާއި ރަށްރަށަށް ވޯޓު ކަރުދާސް ފޮނުވަމުން ދަނީ ފުލުހުންގެ އެހީތެރިކަމާއި، ބެލުމުގެ ދަށުންކަން ހަބީބު ވަނީ ހާމަކުރައްވާފައެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާ ވޯޓު ފޮށި ތަކުގައި ހަރަކާތްތެރިވަމުން ގެންދާނީ:

  • އޮބްޒަރވަރުން - ޖުމްލަ - 3034 (ރާއްޖެއިން ބޭރުގެ 103 އޮބްޒަރވަރުން އަދި 40 ޔޫރަޕިއަން ޔޫނިއަން(އީޔޫ) އޮބްޒަރވަރުން)
  • މޮނިޓަރުން - ޖުމްލަ - 3810 (ރާއްޖެއިން ބޭރުގެ 22 މޮނިޓަރުން)
  • މަންދޫބުން - 1490

ހަބީބު ވިދާޅުވީ އެ ފަރާތްތަކަށް ފާސް ދޫކުރުމާއި އިރުޝާދު ދިނުމުގެ ކަންތައްތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

"ރިޔާސީ އިންތިހާބް2023" ގައިި ވޯޓުލުގެ ހައްގު ލިބެނީ 138،196 އަންހެނުންނާއި 144،199 ފިރިހެނުން، ޖުމްލަ 282،395 ފަރާތަކަށެވެ.