އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޮޑީ ވޯން ކެމެރާ ބޭނުން ކުރާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިފަދައިން ހާމަކޮށްފައިވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ދިވެހި ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނިއުސް ކޮންފަރެންސްގައެވެ.
މި ނޫސް ކޮންފަރެންސްގައި އިންތިހާބުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމާ ހަވާލުވެ ހުންނެވި، ޑެޕިއުޓީ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އަހުމަދު މުސްލިމް ވިދާޅުވީ އިންތިހާބާ ބެހޭގޮތުން ފުލުހުންނާ ހަވާލު ކޮށްފައިވާ ސެކިއުރިޓީ ކަންކަމާ ބެހޭ މަސްއޫލިއްޔަތުތައް ވީހާވެސް ރަނގަޅަކަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށާއި މިމަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ކަންތައްތައްވެސް ހާއްސަ އިންތިޒާމުތަކެއްގެ ދަށުން ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުންނަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ހަމަކޮށް އިންތިހާބަށް ތައްޔާރުވެފައިވާ ކަމަށްވެސް ޑެޕިއުޓީ ކޮމާންޑަރު ޗީފް ސުޕްރިންޓެންޑް އަހުމަދު މުސްލިމް ވަނީ ވިދާޅުވެފައެވެ.
އަހުމަދު މުސްލިމް ވިދާޅުވީ، އެ ހާއްސަ އިންތިޒާމުތަކުގެ ތެރެއިން އިންތިހާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށް ނިންމާފައިވާކަމަށެވެ.
ބޮޑީ ވޯން ކެމެރާ އާއެކު ވޯޓުލާ މަރުކަޒު ތެރެ އާއި ޕޯލިން ސިސްޓަމް ތަކުގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށާއި އެ ކެމެރާ ބޭނުން ކުރާނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށްވެސް އަހުމަދު މުސްލިމް ވިދާޅުވިއެވެ.
އިންތިހާބާބެހޭ ކަންތައްތަކުގެ ތެރެއިން މިހާރު ފުލުހުން ކުރަމުންދާ މަސައްކަތްތަކަކީ ވޯޓު ކަރުދާސްތަކާއި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އިލެކްޝަންސްގެ ބެއްލެވުމުގެ ދަށުން ރަށްރަށަށް ގެންދިއުންކަން ފާހަގަކުރައްވައި ފުލުހުން ވިދާޅުވީ ވޯޓު ކަރުދާސް ގެންދިއުމަށްފަހު އޭގެ ސެކިއުރިޓީގެ ކަންކަންވެސް ފުލުހުން ބަލަހައްޓަމުން ގެންދާނޭކަމަށެވެ.