އިތުރު ޓެކުހެއް ނުނަންގަވާނެ ކަމަށާއި ނަމަވެސް މިހާރު ނަގަމުންދާ ޓެކްސް ބޭސް ބޮޑު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ރިޔާސީ ބަހުސްގައި ރާއްޖެއިން 2026 ގައި އެއް ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެކަމަށް އޮތް ޕްލޭނަކީ ކޮބައިތޯ "ސަންގުބަހުސް"ގެ ފުރަތަމަ ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު މިއޮތީ އިންތިހާއަށް މައްޗަށް ގޮސްފައިކަމަށާއި ދައުލަތުން ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ހެދިފައިވާ ޕްލޭންތަކުގެ ތެރެއިން ފައިސާ އުފެއްދިދާނެކަމަށާއި އަދި ދަރަނި ދެއްކުމަށް މަގުހޯދޭނެ ކަމަށެވެ.

އިގްތިސާދު ދެމެހެއްޓެނިވި ކުރިއަރައިގެންދާ އިގްތިސާދަކަށް ހެދޭނީ މައިގަނޑު އަސާސްތައް ރަނގަޅުކޮށްގެން ކަމަށާއި އޭގެ ތެރޭގައި:

  • ރިކަރަންޓް ހަރަދަށް އެމްއެމްއޭ އިން ފައިސާ ނެގުން ހުއްޓުމަކަށް ގެނެސް ދައުލަތުން ނަގާ ޓެކްސްއިން އެފައިސާ ހަރަދު ކުރާނެގޮތް ހަމަޖައްސުން
  • ދަރަނި ދެމެހެއްޓެނިވި ލެވެލްއަކަށް ތިރިކުރުން
  • ފައިސާ ޗާޕްކޮށްގެން ހަރަދު
  • އިންޕްލޭޝަން ރޭޓް ހަމައަކަށް އަޅުވައި އެކްސްޗޭންޖް ރޭޓް ވަކި ކޮންޓްރޯލެއްގެ ތެރެއަށް ތިރިކުރުން

މިކަންތައް ރަނގަޅުވަމުންދާވަރަކަށް ހަދަންހުރި ރިސޯޓުތައް ހަދަން ފައިސާ ލިބެމުންދާނެކަމަށާއި މަސްވެރިކަމުގެ ސިނާއަތު ރަނގަޅުވެ ހަރުދަނާ ވެގެންދާނެކަމަށެވެ. އަދި މައިއެއާޕޯޓް ނިމުމަކީ އެންމެމުހިންމު އެއްކަންތައްކަމަށާއި މިކަންތައް ކުރެވެމުންދާކަމަށްވަންޏާ އިގްތިސާދު ހަރުދަނާ ކުރެވި ކުރިއެރުވޭނެކަމަށާއި އަދި ދަރަނި ދެއްކުމަށް މަގުފަހިވެގެންދާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.