2026 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ދައްކާނެ ގޮތްތަކާއި، ސިޔާސަތުތައް އެބަހުރިކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ މިރޭ ސަންގު ޓީވީއިން ކުރިއަށް ގެންދިޔަ ރިޔާސީ ކެނޑިޑޭޓުންގެ ބަހުސްގައި، ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަންގު ޓީވީގެ ނޫސްވެރިޔާ ސުވާލު އަމާޒުކޮށްފައިވަނީ މިހާރު ރާއްޖެއިން ނަގާފައިވާ ބޭރު ލޯނުތަކާއި އަދި 2026 ވަނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ އެއްބިލިއަން ޑޮލަރުގެ ލޯނާއި ގުޅޭގޮތުން ކެނޑިޑޭޓުންގެ ސިޔާސަތު ހުރިގޮތާއި، މި ލޯނުތައް ދެއްކުމަށް ކެނޑިޑޭޓުން މަސައްކަތްކުރާނެ ގޮތްތަކާއި އަދި އެ ކެނޑިޑޭޓެއްގެ ވެރިކަމެއްގައި އިތުރު ޓެކުހެއް ނެގުމަށް ވިސްނުން ހުރި ގޮތާއިމެދުގައެވެ.

2026 އަށް މުއްދަތު ހަމަވަަނީ 800 މިލިއަން ޑޮލަރުގެ ދަރަންޏެއްކަމަށާއި އެއީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ 100 މިލިއަން ޑޮލަރާއި ކޮވިޑުގެ ދުވަސްވަރު ނެގި 500 މިލިއަން ޑޮލަރުގެ ސުކޫކު އަދި މި 500 މިލިއަން ޑޮލަރުގެ ސުކޫކުގެ ތެރެއިން، 250 މިލިއަން ޑޮލަރު ދައްކާފައިވަނީ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮންޑްއަކަށް ފައިސާ އަނބުރާ ދެއްކުމަށާއި އަދި ބާކީ ހުރި ބައި ހަރަދުކޮށްފައި ވަނީ ސަރުކާރުގެ އެކި ކަންތައްތަކަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

2026 ވަނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޭރު ދަރަނީގެ ދެބައިކޮށްފައި އެއްބައި ރީފައިނޭންސް ކުރައްވާނެކަން ހާމަކުރައްވައި މި ލޯނު އަނބުރާ ދެއްކޭނެ ގޮތްތަކާއި ސިޔާސަތު ހަމަޖައްސާފައިވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރުވެސް 6 ބިލިއަން ރުފިޔާ އެބަހުރިކަމަށާއި އެމަނިކުފާނުގެ އަމާޒަކީ 2026 ވަނަ އަހަރު އަންނައިރު، 350-400 މިލިއަން ޑޮލަރާ ދެމެދަށް ފަންޑު ބޮޑުކުރުންކަމަށެވެ.

"ދައުލަތަށް ލިބޭ އާމްދަނީ މިދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން، އަޅުގަނޑުމެން ވެރިކަމަށް އައިއިރު ދައުލަތަށް ލިބެނީ 22 މިލިއަން ރުފިޔާ، މިއަހަރު 34 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު އަންނައިރު 46 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެ،"
ރައީސް

ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ ދުވަހެއްދުވަހަކަށް އިތުރު ވަމުންދާ ކަމަށާއި މިއަހަރު ދައުލަތަށް 34 މިލިއަން ރުފިޔާ ވަންކަމަށާއި 2026 އަންނައިރު 46 ބިލިއަން ރުފިޔާ ދައުލަތަށް ވަންނާނެކަމަށާއި ޑިއުވާ ލޯނު ދައްކަން އެއްވެސް ދައްޗެއް ނެތްކަމަށެވެ.

ފަހު ކަމަށް ރައީސް ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދުތަކާއި، ލޯނު ދެއްކުމަށް އެއްވެސް ދަތިކަމެއް ނެތްކަމަށާއި އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ އިތުރު ޓެކްސްއެއް ނެގުމަށް ވިސްނުންފުޅު ނުގެންގުޅުއްވާކަމަށެވެ.