އުތުރުތިލަފަޅުގެ އެއްބަސްވުމުގައި އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްްމަދު ސާލިހު ވިދާޅުވެެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ސަންގު ބަހުސް" ގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ބަހުސްގައި ރައީސް ވަނީ ބޭރުގެ އެއްވެސް ސިފައިންގެ ބަޔަކު އަސްކަރީ މަސައްކަތެއް ކުރުމަށް ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެފައެވެ.

އެކި ތަމްރީނުތައް ކުރުމާއި ދެ ގައުމު ގުޅިގެން ކުރާ ކަންކަން ކުރުމަށް ރާއްޖޭގައި އަބަދުވެސް ބޭރުގެ ސިފައިން އައިސްގޮސްފައިވާ ކަމަށާއި ޗައިނާގެ ސިފައިން ވެސް ދޭތެރެ ދޭތެރެއިން ރާއްޖެ އަންނާނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. ޗައިނާއާ އެކީގައި އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި މިހާރު ވެސް ވަރަށް ބައިވަރު އެހީތައް ޗައިނާއިން ލިބެމުންދާ ކަމަށް ވެސް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު ވިދާޅުވީ އެ މަނިކުފާނުގެ ހާރިޖީ ސިޔާސަތު މިހާރު ވެސް ބައްޓަން ކޮށްފައި އޮންނާނީ ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. ހަމައެހެންމެ އުތުރުތިލަފަޅުގެ އެއްބަސްވުމަކީ އެއްވެސް ނުރައްކަލެއް އޮތް އެއްބަސްވުމެއް ނޫން ކަމަށް ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ އެެއްވެސް ބޭރު ގައުމަކުން އެއްވެސް ފައިސާއެއް ލިބިފައި ނުވާނެ ކަމަށެވެ.