ދިވެހިންގެ މިނިވަންކަމުގެ ތެރެއަށް ނުވަންނަ ކަަމަށްވާނަމަ ކޮންމެ ގައުމަކާވެސް ގާތް ގުޅުމެއް އޮންނާނެ ކަަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަހުސްގައި ހާރިޖީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ހާރިޖީ ސިޔާސަތު ގެންގުޅޭނީ ހުރިހާ ގައުމަކާއިވެސް ގާތް ގުޅުމެއް ބާއްވައިގެން ކަމަށެވެ. މުއިއްޒު ވިދާޅުވީ އަބަދުވެސް އިސްކުރާނީ ދިވެހިން ކަމަށާއި، ދިވެހިން ތިބި ގައުމުތަކާއި، އަދި ދިވެހިން އާންމުކޮށް ދާ ގައުމުތަކާ ގާތް ގުޅުމެއް ބާއްވާނެކަމަށެވެ. އަދި އެއްވެސް ގައުމަކުން ރާއްޖޭގެ މިނިވަންކަމުގެ އިނން ފަހަނަ އަޅާދާ ކަމުގައިވާނަމަ އެކަމަށް ޖާގަ ނުދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމައެހެންމެ ރާއްޖޭގެ އިމުގެ ތެރެއަށް ވަދެ ދިވެހިންގެ ދާހިލީ ކަންކަމާއި ބެހި މިނިވަންކަން ގެއްލޭފަދަ އެއްވެސް ކަމަކަށް ހާރިޖީ ސިޔާސަތުގެ ތެރެއިން ޖާގަ ނުދެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އެއްވެސް ގައުމަކާއި ދުރެއް ނުވާނެ. ދިވެހިންގެ ވަށާފާރު މަތިން ނާރާހާ ހިނދަކު ގާތް ގުޅުން އޮންނާނެ. މިނިވަން ކަމާއި ސިޔާދަތާއި އިސްތިގުލާލު ހިފެހެއްޓާނަން. އަބަދުވެސް ގެންގުޅޭނީ ދިވެހިން އިސްކުރާ ސިޔާސަތެއް. މިއީ މިނިވަން މުސްތަގިއްލު ގައުމެއް. މިނިވަންކަމަށް އިހްތިރާމު ކުރަން ޖެހޭނެ. އެގުޅުން އޮންނަހާ ހިނދަކު އެއްވެސް ބަޔަކާއި ދުރެއް ނުވާނެ،"
ޑރ. މުއިއްޒު

މުއިއްޒު ވިދާޅުވި ވެރިކަމަށް ވަޑައިގެން އިންޑިއާއިވެސް ގާތް ގުޅުމެއް އޮންނާކެމަށެވެ. ނަމަވެސް މިނިވަންކަމުގެ އިން ފަހަނަ އަޅާދާނަމަ އެކަމަށް އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.