ރާއްޖޭގައި އެއްވެސް އަމާން ކަމެއްނެތް ކަމަށާއި، އަންހެން ކުއްޖަކު ކަތިލައި، ރައީސް ނަޝީދު މަރާލަން ބޮއްގޮއްވީ މަޖިދީ މަގުގެ މެދުގައި މިވެރިކަމުގައި ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ ބަހުސްގައި ސިޔާސީ މަސްރަހާއި، ރާއްޖޭގެ އަމާންކަމާއި ގުޅޭގޮތުން ކުރެވުނު ސުވާލުގެ ޖަވާބުގައެވެ.

ރާއްޖޭގައި އޮތް ނާމާންކަން ބަދަލު ކުރެވޭނީ މިސަރުކާރު ބަދަލު ކުރެވިގެން ކަމަށް ވިދާޅުވެ އޭގެ ތަފްސީލު ސަބަބުވެސް އިލްޔާސް ވަނީ ހާމަކުރައްވާފައެވެ.

އެގޮތުން މާލޭގެ ގެއެއްގެ ތެރޭގައި އަންހެން ކުއްޖަކު ކޮށައި ކަތިލި ހަނދާނުން ފޮހެވޭހާ ދުވަހެއް އަދި ނުވާކަން ފާހަގަކުރައްވައި އެ މަރަށް އިންސާފުވެސް ގާއިމް ނުވާކަމަށް އިލްޔާސް ވަނީ ހަރުއަޑުން ވިދާޅުވެފައެވެ. އަދި އެހެނިހެން އެތައް މަރެއް އެބައޮތްކަމާއި، އެތައް ބަޔަކަށް ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު އެއިން އެއްވެސް ކަމެއް ހިނގައިދިޔަ ގޮތެއްވެސް އެނގެން ނެތްކަން އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ.

"ރައީސް ނަޝީދު މަރާލަން ބޮން ގޮއްވާލީ މަޖީދީ މަގު މެދުގަ. އިންސާފެއް ނުލިބޭ. އަންހެން ކުއްޖަކު ކޮށައި ކަތިލައިފި. އެތައް ބަޔަކު ވީނުވީއެއް ނޭގި ގެއްލިއްޖެ. އެއްވެސް އަމާންކަމެއް ނެތް،"
އިލްޔާސް

އިލްޔާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މަޖިލީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލައިގެން މަރާލަން އުޅުނު ހާދިސާއިން މިވެރިކަމުގައި ސިޔާސީ ގޮތުން އަމާންކަން ނެތްކަން ނުހަނު ބޮޑަށް އެނގިހާމަވާކަމަށެވެ. މިހާދިސާއަކީ ސިޔާސީ ގޮތުން މިނިވަންކަން އަދި އަމާންކަން ނެތްކަން ހާމަވާ ވަރަށް ބޮޑު ހެއްކެއް ކަމަށް ތަކުރާރުކޮށް އިލްޔާސް ވަނީ ފާހަގަކުރައްވާފައެވެ.

އަމާންކަން ގާއިމް ކުރަން ވައުދުވި ނަމަވެސް އެއްކަމެއްވެސް ނުވިކަމަށާއި ރައީސް ނަޝީދުގެ މައްސަލައިގައި އިންސާފު އަދާ ހަމައަށްވެސް މިސަރުކާރަށް ހޯދިފައި ނުވާކަމަށް އިލްޔާސް ވިދާޅުވިއެވެ. ހަމައެހެންމެ މި ނާމާން ދުވަސްތައް ބަދަލު ކުރެވޭނީ އިންސާފުން ކަންކަން ކުރެވޭނެ ގޮތްތަކެއް ހޯދައިގެންކަން ފާހަގަކުރައްވައި އިލްޔާސް ވިދާޅުވި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.