ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސަރުކާރެއްގައި ގެންގުޅޭނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އިބްރާހީމް ނާސިރު ގެންގުޅުއްވި ފަދަ ހާރިޖީ ސިޔާސަތެއްކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ރޭ ބޭއްވި ރިޔާސީ ބަހުސްގައި ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ރައީސް މައުމޫން ގެންގުޅުއްވި ޚާރިޖީ ސިޔާސަތު އެމަނިކުފާނަށް ވަރަށް ކަމުދާކަމަށެވެ. އަދި އެމަނިކުފާނުގެ ވިސްނުމަކީ ބޭރުގެ ހުރިހާ ގައުމާކާއެކު ގުޅިގެން މަސައްކަތްކުރުން ކަމަށެވެ. ހަމަމިއާއެކު އިބްރާހިމް ނާސިރުގެ ވެރިކަމުގައި އިޒްރޭލާއެކު ގުޅުން ފެށިނަމަވެސް، ފަހުން އެކަން ހުއްޓާލެއްވިކަމަށާއި، ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންވެސް އެކަން އެގޮތުގައި ދަމަހައްޓަވައި، ބޭރުގެ ގައުމުތަކާއެކު ބަދަހި ގުޅުމެއް ބޭއްވިތަން ފެނިގެންދިޔަކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގަ އޮންނާނީ ދިވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތު، އިގުތިސާދީ ކަންތައްތަކުގަވެސް، އިޖްތިމާއީ ކަންތައްތަކުގަވެސް އަދި ދާހިލީ ކަންތައްތަކުގަވެސް،"
ގާސިމް

ގާސިމް ވިދާޅުވީ ރާއްޖޭގައި ހުރި ބޭރުގެ އެންބަސީތަކާއި ގުޅިގެން ރާއްޖެއަށް ފައިދާ ވާނެ ގޮތްތަށް ހޯދުމުގެ މަސައްކަތްކުރައްވާނެކަމަށެވެ. އަދި އަވަށްޓެރި ހުރިހާ ގައުމުތަކާއެކުގައިވެސް ގާތްގުޅުމެއް ބާއްވާނެކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ އުތުރުތިލަފަޅު އެގްރީމަންޓްގެ މައްސަލައިގައި މި ސަރުކާރުން ގާނޫނާ ހިލާފުވެފައިވާ ކަމަށެވެ.

"މި ސަރުކާރުން ބޮޑުތަނުން ގާނޫނު އަސާސީއާ ހިލާފުވެފައިވާކަން އަޅުގަނޑު ހަމަ ކަނޑައެޅިގެން ގަބޫލުކުރާތީ އަޅުގަނޑު ނުކުމެ މިގޮތަށް މި މަސައްކަތް މި ކުރަނީ،"
ގާސިމް.

މި ސަރުކާރު ގެނައުމުގައި އިސް ސަފުގައި އުޅުއްވި ގާސިމް ވިދާޅުވީ އުތުރުތިލަފަޅުގެ އެގްރީމަންޓާއި ޗާގޯސް މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ކަމަށް ބުނާ ސިޓީވެސް މިހާތަނަށް ސަރުކާރުން ހާމަކޮށްފައިނުވާ ކަމަށާއި އެއީ ގާނޫނުން ބޭރުން ހިނގާ ކަންކަން ކަމަށެވެ.

ގާނޫނު އަސާސީން ބޭރުން ކަންކަން ކުރެއްވުމުގެ ބާރެއް އެއްވެސް ވެރިއަކަށް ނޯންނާނެ ކަމަށާއި އަދި އެމްޑީޕީގެ ވެރިކަން މިހާރު ފެއިލްވެފައިވާ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ..