ކުރީގެ ރައީސުންނަށް އަދަބުވެރިކަމާ އެކު އުޅެވެން ޖެހޭނެ ކަމަށާއި ސިޔާސީ ބޭނުމަށް އެފަރާތްތައް ހައްޔަރު ކޮށްގެން ނުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ،

ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދިޔަ ބަހުސްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ވެރިކަމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ އެއް ސަބަބަކީ އިންސާފާއި ހަމަހަމަކަން ރާއްޖޭގައި ގާއިމު ކުރުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސުން ފަހަތުން ދުވުމަކީ ކުރަން ޖެހޭނެ ކަމެއް ނޫން. އަޅުގަނޑުމީ އެކަން އެންމެ ކައިރިން ފެނުނު އެކަކު،"
ނާޒިމް

ނާޒިމް ވިދާޅުވީ ނުހައްގު އަދަބެއްގައި ތިން އަހަރާ ބައި ވަންދެން ޖަލުގައި އޮންނެވި އިރު، އެހެން ގޮޅިއެއްގައި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އޮންނެވި މަންޒަރު ފެނިވަޑައިގެންނެވިކަމަށެވެ. އަދި އެއީ ދުވަހަކުވެސް ދެކެން ބޭނުންވާ މަންޒަރެއް ނޫން ކަމަށްނާޒިމް ވިދާޅުވިއެވެ.

"އެ ބޭފުޅުންނަށް ޝަރަފުވެރިކަމާ އެކު، މި ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނަށް ޝަރަފުވެރިކަމާއެކު އަބުރުވެރިކަމާއެކު އުޅެވެންޖެހޭނެ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް. އެބޭފުޅުން ފަހަތުން ދުވާހަކަށް ނުޖެހެ. އަޅުގަނޑުގެ ސަރުކާރެއްގައި އެބޭފުޅުން ތިބޭނީ އަބުރުވެރިކަމާއި ޝަރަފުވެރިކަމާ އެކީގައިކަން އަޅުގަނޑު ޔަގީންކަން އަރުވަން،"
ނާޒިމް

މިފަދަ ކަންތައް ކުރެވޭނީ ޖުޑީޝަރީ އިސްލާހު ކޮށްގެން ކަމަށާއި އެމަނިކުފާނުގެ ސަރުކާރެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަން ބަދަލު ކުރައްވާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު، ފަނޑިޔާރުންނަކީ މިނިވަންކަމާއެކު މަސައްކަތް ކުރެއްވޭނެ ފަރާތްތަކެއްގެ ގޮތުގައި ހައްދަވައި ދެއްވާނެ ކަމަށާއި ފަނޑިޔާރުން ކުރައްވާ ހުކުމަކީ ހައްޤު ހުކުމެއް ކަމަށް ހެދުމަށް ފަނޑިޔާރުން ތަމްރީނު ކުރައްވާނެ ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.