އެމަނިކުފާނުގެ އާއިލާގެ އެއްވެސް ބޭފުޅަކަށް ސަރުކާރުން ވަޒީފާއެއް ދެއްވާފައި ނުވާނެ ކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް ނުދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ހާމަކުރައްވާފައި ވަނީ، ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ "ސަންގު ބަހުސް"ގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެކި މަގާމުތަކުގައި އާއިލީ ބޭފުޅުން ތިއްބަވާ ކަމަށް ބުނެ، ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ސީޕީ ހަމީދަށް ވަޒީފާ ދޭން ހުކުމް ކުރީ ކޯޓުންކަމަށާއި އަދި ރައްޔިތުންގެ މަޖިލީހަށް ނިޔާޒާއި ޖީހާން އިންތިހާބުވެވަޑައިގެންނެވީ ރައްޔިތުންގެ ވޯޓުން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގައި އަޅުގަނޑު ވަޒީފާ ދީފައެއް ނުހުންނާނެ އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހަކަށް. ކޮމިޝަނަރު އޮފް ޕޮލިސްއަށް ވަޒީފާ ދޭން ހުކުމްކުރީ ސުޕްރީމް ކޯޓުން. ދެން ތިއްބެވި ތިޔަ ވިދާޅުވި ހުރިހާ ބޭފުޅުންނަކީ ރައްޔިތުން ކުރިމައްޗަށް ގޮސް، އިންތިހާބު ކާމިޔާބުކޮށްގެން މަޖިލީހަށް ވަދެ ތިއްބެވި ބޭފުޅުން. އަޅުގަނޑާ ދޭތެރޭގައި ތިޔަ ވިދާޅުވީ ވަރަށް އިހާނެތި ބަހެއް އަޅުގަނޑު ދެކޭގޮތުގައި. އަޅުގަނޑުގެ ސަރުކާރަކު އަޅުގަނޑުގެ އާއިލާގެ އެއްވެސް މީހެއް ވަޒީފާ ދީފައެއް ނުހުންނާނެ،"
ރައީސް

ރައީސް ސާލިހުގެ ސެކްރެޓަރީއަކަށް ހުންނެވި ފާތޭއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ވެސް ރައީސް އޮފީހުގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށާއި އެއީ ސަރުކާރު ދެމެހެއްޓުމަށްޓަކައި ސަރުކާރުގައި ތިބެން ޖެހޭނެ ދުވަސްވީ ތަޖުރިބާ ހުރި ބޭފުޅުން ކަމަށްވާތީ ވަޒީފާއިން ވަކިނުކުރައްވާ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ސަރުކާރު ވަޒީފާއަކުންއެއްވެސް މީހަކު ވަކިކޮށްފައެއް ނުވާނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރަކު އެމަނިކުފާނުގެ އާއިލާގެ މީހަކަށް ވަޒީފާ ނުދެއްވާ ކަމަށާއި އަދި ކުރިއަށްއޮތް ތަނުގައިވެސް އެގޮތަށް ވަޒީފާ ނުދެއްވާނެކަމަށް ރައީސްސާލިހު ވަނީ ވިދާޅުވެފައެވެ.