ޖަމާޢަތުގެ ނަމާދަށް ސަފުތައް ތަރުތީބު ކުރުމަކީ މިސްކިތުގެ އަދަބު ތަކުގެ ތެރޭގައި ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ކަމެކެވެ. އިސްލާމްދީނުގައި ނަމާދުކުރާމީހުންގެ ސަފުތަކަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާފައިވެއެވެ. އެގޮތުން ސަފުތައް ތަރުތީބު ކުރުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި ސަފު ސީދާކޮށް ތަރުތީބު ކުރާނެ ގޮތް ވަނީ ބަޔާން ކުރައްވާފައެވެ. އަދި ސަފު ސީދާކޮށް ފުރިހަމަ ކުރުމުގެ މާތްކަމާއި އަހައްމިއްޔަތު ބަޔާންކޮށް ދެއްވާފައިވެއެވެ.
އަނަސް ބުނު މާލިކް رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "سَوُّوا صُفُوفَكُم؛ فَإِنَّ تَسْوِيَةَ الصُّفُوفِ مِنْ تَمَامِ الصَّلاَةِ"، وفي رواية: "مِنْ إِقَامَةِ الصَّلاَةِ" (1) މާނައީ: ތިޔަބައިމީހުންގެ ސަފުތައް ތިޔަބައިމީހުން ސީދާ ކުރާށެވެ. ހަމަކަށަވަރު ސަފުތައް ސީދާކޮށް ފުރިހަމަކުރުމަކީ ނަމާދު ފުރިހަމަ ވުމުގެ ތެރެއިން ވާކަމެކެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. (ސަފުތައް ސީދާކޮށް ފުރިހަމަކުރުމަކީ) ނަމާދު ޤާއިމުކުރުމުގެ ތެރެއިން ވާކަމެކެވެ.
އަބޫ މަސްޢޫދުލް ބަދްރީ رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަން ބޭކަލުންގެ ކޮނޑުފުޅުތަކުގައި ފިރުމާލައްވައި ޙަދީޘް ކުރައްވައެވެ. "اسْتَوُوا، وَلاَ تَخْتَلِفُوا فَتَخْتَلِفَ قُلُوْبُكُمْ . . "(2).މާނައީ: ތިޔަބައިމީހުން (ސަފު) ސީދާކުރާށެވެ. އަދި (ސަފުގައި އެކަކު އަނެކަކަށް ދުރުވެ) ޚިލާފު ނުވާށެވެ. (އެގޮތަށް ތިޔަބައިމީހުން ކަންތައް ކޮށްފިނަމަ) ތިޔަބައިމީހުންގެ ހިތްތަކުގެ މެދުގައި ޚިލާފު އުފެދިދާނެއެވެ.
އައްނުޢުމާނު ބުނު ބަޝީރު رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. "لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوْهِكُمْ"(3). މާނައީ: ތިޔަބައިމީހުން ސަފުތައް ސީދާކުރާހުށިކަމެވެ. އެހެން ނޫންނަމަ ތިޔަބައިމީހުންގެ މެދުގައި ﷲ ޚިލާފު ކުރައްވަވާނެއެވެ.
މަތީގައި ބަޔާންކުރެވުނު ޙަދީޘްފުޅުތަކަކީ އެއީ ސަފުތައް ސީދާކޮށް ފުރިހަމަކުރުމުގެ ވާޖިބުކަމުގެ މައްޗަށް ދަލީލިކޮށްދޭ ފާޅުކަންބޮޑު ދަލީލުތަކެކެވެ. އަލްއިމާމް އަލްބުޚާރީ رَحِمَهُ اللَّهُ تَعَالَى އެކަލޭގެފާނުގެ ޞަޙީޙްގައި ލިޔުއްވާފައިވެއެވެ. (بَابُ إِثْمِ مَنْ لاَ يَتِمُّ الصُّفُوفَ) [ސަފު ފުރިހަމަ ނުކުރާ މީހާއަށްހުރި ފާފައިގެވާހަކަ ނަންގަނެވުނު ބާބު]. މިގޮތަށް ބާބު ބެންނެވުމަށްފަހު، އެކަލޭގެފާނުގެ އަމިއްލަ ސަނަދުން އަނަސް ބުނު މާލިކު رَضِيَ اللَّهُ عَنْهُ ގެ އަރިހުން ރިވާކުރެއްވިއެވެ. އަނަސް ބުނު މާލިކު رَضِيَ اللَّهُ عَنْهُ މަދީނާއަށް ވަޑައިގެންނެވިއެވެ. އެހިނދު އެކަލޭގެފާނަށް ދެންނެވުނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނާއި މިއަދު ތިމަންމެންގެ ޙާލަތާއިމެދު ބައްލަވައި، ކަލޭގެފާނު އިންކާރު ކުރައްވަނީ ތިމަންބޭކަލުންގެ ކޮންކަމަކަށްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު، ތިޔަބައިމީހުން ސަފުތައް ފުރިހަމަކޮށް ޤާއިމު ނުކުރާކަން ފިޔަވައި އެހެން ކަމެއް އިންކާރެއް ނުކުރައްވަމެވެ.(4).
ސަފުތައް ސީދާކޮށް ފުރިހަމަކުރުމުގެ މާތްކަމާމެދު عبد الله بن عمر رَضِيَ اللَّهُ عَنْهُما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "أَقِيْمُوا الصُّفُوفَ، وَحَاذُوا بَيْنَ الْمَنَاكِبِ، وَسُدُّوا الْخَلَلَ، وَلاَ تَذَرُوا فُرُجَاتٍ لِلشَّيْطَان، وَمَنْ وَصَلَ صَفاًّ وَصَلَهُ اللَّهُ، وَمَنْ قَطَعَ صَفاًّ قَطَعَهُ اللَّهُ"(5).މާނައީ: ތިޔަބައިމީހުން ސަފުތައް ޤާއިމު ކުރާށެވެ. ކޮނޑާއި ކޮނޑު ޖައްސާށެވެ. އަދި ހުސްތަން ފުރާށެވެ. އަދި ޝައިޠާނާއަށްޓަކައި ހުސްޖާގަތައް ދޫނުކުރާށެވެ. އަދި ސަފެއް ގުޅުވައިފި މީހާ ﷲ އޭނާ އެއިލާހުގެ ރަޙްމަތާ ގުޅުއްވާނެއެވެ. އަދި ސަފެއް ކަނޑައިފި މީހަކު ﷲތަޢާލާ އެއިލާހުގެ ރަޙްމަތުން ކަނޑުއްވާނެއެވެ.
އަދި عَائِشَةُ رَضِيَ اللَّهُ عَنْها ގެ އަރިހުން ރިވާވެގެންވެއެވެ. "مَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً، وَبَنَى لَهُ بَيْتاً فِيْ الْجَنَّةِ"(6) މާނައީ؛ (ސަފުގައިވާ) ހުސްތަނެއް ފުރައިފި މީހާގެ ދަރަޖަ، އޭގެ ސަބަބުން ﷲ ތަޢާލާ އުފުއްލަވައެވެ. އަދި އޭނާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށްދެއްވައެވެ.
އަދިވެސް عائشة – رَضِيَ اللَّهُ عَنْها ގެ އަރިހުން ރިވާވެގެންވެއެވެ. "إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِيْنَ يَصِلُوْنَ الصُّفُوفَ"(7). މާނައީ: ހަމަކަށަވަރުން ﷲ އާއި އެއިލާހުގެ މަލާއިކަތުން ސަފުތައް ގުޅުވާ މީހުންނަށް ޞަލަވާތް ލައްވައެވެ.
އަދިވެސް عَبْدُ اللَّهِ بْنُ عُمَرَ رَضِيَ اللَّهُ عَنْهُما ގެ އަރިހުން ރިވާވެގެންވެއެވެ. " خِيَارُكُمْ أَلْيَنُكُمْ مَنَاكِبًا فِي الصَّلاةِ ، وَمَا مِنْ خُطْوَةٍ أَعْظَمُ أَجْرًا مِنْ خُطْوَةٍ مَشَاهَا رَجُلٌ إِلَى فُرْجَةٍ فِي صَفٍّ فَسَدَّهَا "(8). މާނައީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ނަމާދުގައި އެމީހުންގެ ކޮނޑުތައް އެންމެ މަޑުމީހުންނެވެ. (އެބަހީ؛ ސަފުގައި ތިބޭއިރު، އެކަކު އަނެކަކަށް ކޮނޑު ޖެހޭ ގޮތަށް ސަފު ރުކުރުވާލައިގެން ތިބޭމީހުންނެވެ.) އަދި ސަފުގައިވާ ހުސްތަނެއް ފުރުމަށްޓަކައި މީހަކު ހިނގުމަށް އަޅާ ފިޔަވަޅަށްވުރެ ދަރުމަ ބޮޑު ފިޔަވަޅެއް ނުވެއެވެ.
މަތީގައި ބަޔާންވެދިޔަ ޙަދީޘްތަކުން ސަފު ފުރިހަމަ ކުރާމީހާއަށް ހުރި ދަރުމައާއި، ސަފު ފުރިހަމަ ކުރުމުގެ މުހިއްމުކަން ސާފުކޮށް އެނގެއެވެ. އަދި ސަފުގައި ހުންނައިރު ތިމާގެ އަޚުންގެ މެދުގައި، ސަފުސީދާ ކުރުމަށް އަމުރުކުރެވިއްޖަނަމަ، ނުވަތަ މީހަކު ސަފަށް ވަންނަން ބޭނުންވެއްޖެނަމަ، މަޑުމައިތިރިކަމާއެކު އެމީހާއަށް ފުރުޞަތު ދިނުމާއި، އެގޮތަށް އެދޭ މީހާގެ ގައިގައި ކޮނޑުން ޖަހައި އެމީހާ އަށް ފުރުސަތު ނުދީ ނުހެދުމުގެ މުހިއްމުކަން އެނގިގެން ދެއެވެ. އަދި މިއީ އެންމެ ހެޔޮ މީހުންގެ ސިފަ ކަމުގައިވެސް ބަޔާންވެގެން ހިނގައްޖެއެވެ.
އެހެން ނަމަވެސް އަޅުގަނޑުމެންގެ މިސްކިތްތަކުން ފެންނަ ހިތާމަވެރި މަންޒަރަކީ، ސަފުގައި ޖާގައެއް ހުރެގެން އެޖާގަ ފުރުމަށްޓަކައި، ފަހަތުން މީހަކުގޮސް ތިމާގެ ކޮނޑުގައި މަޑުމަޑުން އަތުން ބީހިލައިފިނަމަ، ކޮނޑުން އެމީހަކު ފޮޅުވާލުމެވެ. އަދި އޭގެ އިތުރަށް ނަމާދު ނިމުމަށްފަހު މިސްކިތުގެ ތެރޭގައި އެމީހަކަށް ހުތުރު ބަހުން ޒުވާބު ދިނުމެވެ.
އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައި އިރުޝާދު ދެވިފައިވާ ގޮތަށް ތަބާވުމެވެ.
- ނޫރުލް އިސްލާމުން ނަގާފައި