ތ. ހިރިލަންދޫ ފަޅު އިތުރަށް ހިއްކައި އެރަށުގެ މަސްވެރިކަމަށް ފަހިވާގޮތަށް އެރަށުގެ ބަނދަރު ބޮޑުކޮށްދީ އެރަށުގައި ރަނގަޅު ފެންވަރުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމް ކޮށްދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ މުއިއްޒު މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މިއަދު މެންދުރު ހިރިލަންދުއަށް ވަޑައިގެން އެރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
ހިރިލަންދޫ ފަޅަކީ ދުރު ރާސްތާއަށް ވިސްނައިގެން ގިނަ އަހަރުތަކަކަށް ބިން އިތުރުކުރެވޭނެ ސަރަހައްދު ތަކަކީ ކޮބައިތޯ ބަލައި، އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ތަންތަން ދެނެގަތުމަށް ދިރާސާކޮށް ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ފާސްކުރި އާބަން ޑިވެލޮޕްމެންޓް ޕްލޭންގައި ހިމެނޭ ފަޅެއް ކަމަށް މުއިއްޒު ހާމަކުރެއްވިއެވެ.
ހިރިލަންދޫއަކީ މަސްވެރިކަމުގެ ރަށަކަށްވާތީ، މަސްވެރިކަމަށް ފަހިވާގޮތަށް އެރަށުގެ ބަނދަރު ބޮޑުކޮށް ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި ރަށުގެ ބޮޑެތި މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުން، އިގުތިސާދަށް ފަހިވެ ވިޔަފާރިތައް ކުރިއަރަމުންދާނެ ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، އެރަށުގެ މަގުތައް ރަނގަޅު ފެންވަރަކަކަށް ހަދައިދެއްވާނެ ކަމަށެވެ.
ރަށްރަށުގައި ހިންގާ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކާ ކަމަށާއި އެހެންނަމަވެސް އެއްވެސް މަޝްރޫއެއް ހުއްޓާނުލައްވާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވިއެވެ. އަދި ވެރިކަމަށް ވަޑައިގަންނަވާ އެއްސަބަބަކީ މަޝްރޫއުތައް ހުއްޓިފައި ހުރުން ކަމަށާއި އެހެންކަމުން ތަރައްގީގެ އެއްވެސް މަޝްރޫއެއް އެއްވެސް ރަށަކުން ހުއްޓަވައި ނުލައްވާނޭ ކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ދެއްވާފައެވެ. މަޝްރޫއުތައް ކުރިއަށް ގެންދަވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ރަނގަޅުކޮށް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.