ވާދަވެރިންގެ ރާޑަރަށް ކުދި ރަށްތައް އަރަނީ ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް ކަމަށާއި ނަމަވެސް މި ސަރުކާރުން ތަފާތު ކުރުންތައް ނުގެންގުޅޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހދ. ހިރިމަރަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ވާދަވެރިންނާއި އެމަނިކުފާނުގެ ސިޔާސަތުތަކާ ވަރަށް ތަފާތުވާނެ ކަމަށާއި އެބޭފުޅުން ވިސްނުމަކީ ހަމައެކަނި ބޮޑެތި ރަށްތަކަށް ތަރައްގީ ގެނައުން ކަމަށެވެ.

"މާޒީއަށް ޖެހިލައި އެބޭފުޅުން ކަން ކުރަމުން އައި ގޮތް ވަރަށް ސާފުކޮށް ފެންނާނެ. މިއީ އެބޭފުޅުންގެ ރާޑަރަށް ދުވަހަކު ވެސް އެރި ރަށްތަކެއް ނޫން. ބޭނުންވަނީ ބޮޑެތި އާބާދީތައް ތަރައްގީކުރަން. ހަމައެކަނި ވޯޓަށްޓަކައި އެބޭފުޅުންގެ ވިސްނުން ބަދަލުކޮށްފި. އެއީ ހަމައެކަނި އިންތިހާބަށް މަސައްކަތްކުރާތީ ވާ ގޮތެއް،"
ރައީސް
ރައީސް ސާލިހު ހދ. ހިރިމަރަދޫގައި

ރާއްޖެ ތަރައްގީ ކުރެވޭނީ ދިގު ރާސްތާގެ ޕްލޭނެއް އޮވެގެންކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެކަމަށްޓަކައި މަދުވެގެން ދިހަ އަހަރު ބޭނުންވާނެ ކަމަށެވެ.

ރައީސް ސާލިހު ހދ. ހިރިމަރަދޫގައި

އެހެން ނޫންނަމަ، ގެންނަން ބޭނުންވާ ބަދަލު ނުގެނެވޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހު ވިދާޅުވީ ދެވަނަ ދައުރެއް ބޭނުންވާ ސަބަބަކީ ރައްޔިތުން އެދޭ ހެޔޮބަދަލު، އުފާވެރި އަމާންރާއްޖެ ކަށަވަރުވެގެންދާނެ ފަދައިން ކަންތައްތައް ކުރެއްވުމަށްޓަކައި ކަމަށެވެ.

ރައީސް ސާލިހު ހދ. ހިރިމަރަދޫގައި
"އެހެންނޫން ނަމަ، އެ ޕްރޮޖެކްޓުތަކެއް ނިންމައެއް ނުލެވޭނެ. އެހެންވެ އަޅުގަނޑުމެންނަށް ދެވަނަ ދައުރެއް ބޭނުންވަނީ. އޭރުން ރައްޔިތުން އެދޭ ހެޔޮ ބަދަލު، އުފާވެރި އަމާން ރާއްޖެ ކަށަވަރުވެގެންދާނެ،" .
ރައީސް

ކުރިއަށް އޮތް ދައުރަށް ހިރިމަރަދުއަށް ވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. އެގޮތުން ބަނދަރު މަރާމާތުކޮށް ބޮޑުކޮށްދިނުމާއި މޫދަށް އެރޭ ސަރަހައްދެއް ގާއިމުކުރުމާއި ބޮޑެތި މަގުތަކުގައި ތާރުއަޅައި މަގުތައް ހަދައިދިނުން އަދި ސިއްހީ މަރުކަޒުން ރަނގަޅު ހިދުމަތްތައް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.