ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީއެންސީން ވާދަ ކުރައްވާ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމެޕެއިން ދަތުރުފުޅުގައި މިއަދު ތ. ވޭމްނަޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަވައި، އެރަށަށް ކުރައްވާ އުންމީދުތަކާއި ކުރައްވަން ގަސްދުކުރައްވާ ކަންކަމާ ގުޅިގެން ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.
ވޭމަންޑޫއަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިޒް ވިދާޅުވޯ ވޭމަންޑޫއަކީ ތަރައްގީއަށް ވަރަށް ގިނަ މަސައްކަތްތައް ކުރުމުގެ ފުރުސަތު އޮތް އަދި އިގްތިސާދީ ގޮތުންވެސް ކުރިއަށް ދިއުމުގެ ފުރުސަތު އޮތް މުހިއްމު ރަށެއް ކަމަށެވެ.
އެއްކަމަކަށް އެރަށުގެ މަގުހެދުމުގެ މަޝްރޫއަކީ ކުރިއަށް ގެންދަން ޖެހޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށާއި، ރަނގަޅު ފެންވަރެއްގެ ބަނދަރެެއް ހެދިގެން ދިއުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަދި އެރަށުގެ މަގުތައް ތާރު އަޅައިގެން ޒަމާނީ ފެންވަރަކަށް ކުރިއަށްގެންދަން ގަސްތު ކުރައްވާ ކަމަށާއި، އެ ރަށުގެ ބަނދަރު ރަނގަޅު ފެންވަރަކަށް އަޕްގްރޭޑްކޮށް މިހާރަށްވުރެން ބޮޑު، ރަނގަޅު ބަނދަރެއް ހައްދަވައި ދެއްވަން ގަސްތު ކުރައްވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސިއްހީ ނިޒާމަކީ މިސަރުކާރުން އެންމެ ބޮޑަށް އިހުމާލު ވެފައިވާ ނިޒާމު ކަމަށާއި މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުން އެކަން ފާހަގަ ވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސިއްހީ ސިޔާސަތުގައި އޮންނާނީ އެކަންކަން ރަނގަޅު ކުރައްވާނެ ވާހަކަ ކަމަށާއި ވޭމަންޑޫގައި ހުރި ހޮސްޕިޓަލަކީ މިހާރު ހުރި ފެންވަރުން އެތައް ގުނައެއް ރަނގަޅު ފެންވަރަކަށް ހައްދަވައިދެއްވާނެކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ހަމަ އެއާއެކު، މުއިއްޒު ވަނީ ވޭމަންޑޫއާއި ކިނބިދޫއާ ދޭތެރޭގައި އޮތް ގުޅުން ރައްޔިތުން ބޭނުންވާ ގޮތަށް އަދި ރައީސް ޔާމީންގެ ވިސްނުންފުޅުން އެމަނިކުފާނު 2018ގައި ވިދާޅުވެފައިވާގޮތަށް ގުޅުވައިލުމަކީ އެމަނިކުފާނުގެ ސިޔާސަތެއްކަމަށްވާތީ އެދެރަށް ގުޅާލަދެއްވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
"އިތުރު ކުރެވޭ ބިން ބޭނުން ކުރާނީ އިގްތިސާދީ ގޮތުން އެކި ކަހަލަ ނަފާތައް ހޯދަން އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދަން، އަދި ގެދޮވެރިކަމަށް ބޭނުންވާ ގޯއްޗާއި ހައުސިން މަޝްރޫއުތައް ހިންގަން،" މުއިއްޒު ވިދާޅުވިއެވެ.
އަދިވެސް އިތުރު ކަންތައްތަކެއް ފާހަގަ ކުރައްވައި، ވޭމަންޑޫގައި ހުރި މިސްކިތަކީ، ގިނަ ދުވަސްވެފައިވާ މިސްކިތެއް ކަން ފާހަގަ ކުރައްވައި އެރަށުގައި މިސްކިތެއް އިމާރާތް ނުކުރާތާ ގިނަ އަހަރުތަކެއް ވެފައިވާތީ ޒަމާނީ ބޮޑު މިސްކިތެއް އެރަށުގައި އަޅައިދެއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.