ލ.އަތޮޅު ކައުންސިލުގެ ކުރީގެ ރައީސް އަދި ގަމު ދާއިރާގެ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް އެކްޓިވިސްޓް މޫސާ ހަމްދީ އެ ޕާޓީ ދޫކޮށް ވާދަވެރި ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

އެމްޑީޕީގެ ހަރަކާތްތަކުގައި އަބަދުވެސް އިސްކޮށް އުޅުއްވާ މޫސާ ހަމްދީ ޕީޕީއެމްއާ ގުޅިވަޑައިގަތީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ގަމަށް ވަޑައިގެން ރޭ ބޭއްވެވި ޖަލްސާގައެވެ.

ގަމު ތުނޑީ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަލްސާގައި ހަމްދީގެ އިތުރުން އާބާދު ސަރަހައްދުގެ ގިނަ އަދަދެއްގެ ޒުވާނުން ވެސް ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައެވެ.

މީގެ އިތުރުން ރޭގެ މި ޖަލްސާގައިވަނީ ގަމު ކައުންސިލުގެ ނައިބު ރައީސް ޢަބްދުﷲ އާސިފް (އައްޑޯ)ވެސް ޕީޕީއެމްއާ ގުޅިވަޑައިގަތްފައެވެ.

އަދި އެބޭފުޅުންގެ އިތުރުން މި ޖަލްސާގައި ގަމުގެ އެހެން އަވަށްތަކުގެ ކަމުވޮށިވެގެންވާ ބޭފުޅުންނާއި އިލްމީ ޒުވާނުން ޕީޕީއެމްއަށް ވަނީ ސޮއިކުރައްވާފައެވެ.