ފ.މަގޫދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ބޭނުންވާ އޭބީސީ، އެސްފޮލްޓް އަދި ރޫފިންގ ސްޓްރަކްޗަރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާކަމަށް އެމަސައްކަތް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

މަޝްރޫއުގެ ދަށުން، 1,800 އަކަ މީޓަރުގެ ރަންވޭއެއް ހެދުމާއި، 81,443 އަކަ މީޓަރުގެ އޭޕްރަން ހެދުމާއި، 2,919 އަކަ މީޓަރުގެ ޓެކްސީވޭ ހެދުމާއި، 895 އަކަ މީޓަރުގެ ފަޔަރ ޕެޑްއެއް ހެދުމާއި، 3,059 އަކަ މީޓަރުގެ އެއަޕޯޓް ރޯޑް ހެދުމާއި، 1,185 އަކަ މީޓަރުގެ ސަވިސް ރޯޑް ހެދުމާއި، ޓާމިނަލް ބިލްޑިން ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގ، ފަޔަރ ޕޮންޑް، އަދި އަލިފާން ނިއްވާ ވަސީލަތް ޤާއިމުކުރުމާއި، ސެކިއުރިޓީ ޕޯސްޓަކާއި ސެކިއުރިޓީ ވަސީލަތް ޤާއިމުކުރުމާއި، ފެންސިންގ ޖެހުމާއި، ޕެރިމީޓަރ ލައިޓިންގ ޖެހުމާއި، އެއަރފީލްޑް ލައިޓިންގ ސިސްޓަމެއް ޤާއިމުކުރުމާއި، ނެރު ބައްތި ހަރުކުރުމާއި، މެޓް ވަސީލަތްތައް ޤާއިމްކުރުމާއި، ގްރައުންޑް ހެންޑްލިންގ ވަސީލަތްތަށް ޤާއިމުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 264.9 މިލިއަން ރުފިޔާއަށް ނިންމުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.