ރާއްޖެއަކީ އަމާން ސުލްހަވެރި ތަނަކަށް ހެދުމަށް މިހާރު ޕްލޭނެއް ހަދައިނިމި ފައިވާ ކަމަށް ހޯމް މިނިސްޓަރ އަދި އެމްޑީޕީ ކޯލިޝަންގެ ޕާޓްނަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް، ކެމްޕެއިންކުރަން އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ ރާއްޖޭގެ ހާލަތު ބަދަލުވަމުން ދާ ގޮތް ސަރުކާރަށް އެނގޭ ކަމަށާއި އެހެންވީމާ ރާއްޖެ އަމާންކުރުމަށް ޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއްގެ ޕްލޭން މިހާރު އޮތީ ނިމިފައި ކަމަށެވެ. ސަރުކާރަށް ރާއްޖޭގެ ކުށުގެ ވެށި އެނގޭ މިންވަރުގެ މިސާލެއްގެ ގޮތުގައި އިމްރާން ދެއްކެވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގްރޫޕްތަކާއި ގޭންގްތަކާ ގުޅޭ މީހުން ވަކިންވަކިން އެނގި އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނެވޭނެ ގޮތަށް މަސައްކަތް ކުރުމެވެ،
އިމްރާން ރޭ ދެއްކެވި ވާހަކައިގައި ވިދާޅުވީ ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވަން ހާއްސަ ޕްލޭނެއް އެބަ އޮތް ކަމަށާއި ދީނަށް ފުރައްސާރަކުރާ "ކުދިން" އިސްލާހުކުރަން މަސަައްކަތްކުރާނެ މުރައްބީންނާއި ދާއީން ތަމްރީނު ކުރާނެ ކަމަށެވެ. އެކަމަށް ފަރުވާދޭނެ ރަނގަޅު ނިޒާމެއް ސަރުކާރުން އެކަަށައަޅަމުން އަންނަ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވިެފައެވެ.