ވެރިކަން ލިބިވަޑައިގެންފިނަމަ އައްޑޫއަށް ރޯޝަނީކަން ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައެެވެ.

ވޭތުވެދިޔަ ފަނަރަ އަހަރު ތެރޭގައި އައި ސަރުކާރުތަކުން ވަރަށް ރީތި ވާހަކަ ދައްކައި، މަޝްރޫއުތައް ހިންގާނެ ކަމަށް ވައުދުވާ ކަމަށް ވިދާޅުވެ ގާސިމް ފާހަގަކުރެއްވީ، އެހެން ވައުދުވިކަމުގައި ވިޔަސް ރައްޔިތުންގެ ޖީބަށް ފައިސާ އިތުރުވެ، ވަޒީފާއެއް ހޯދައި ނުދެވޭ ކަމެވެ.

ދިވެހިރާއްޖެ ތަރައްގީގެ މަގުގައި ކުރިއަށް ގެންދަން ބޭނުން ވާނަމަ، އިސްލާހު ކުރަން ބޭނުންކަމުގައި ވާނަމަ، މިނިވަންކަން ދަމަހައްޓަން ބޭނުންވާ ވާނަމަ، އިސްލާމްދީނާއި ގައުމިއްޔަތާއި އަހުލާގު ދަމަހައްޓަން ބޭނުންވާނަމަ، ދަރަނީގެ ދަންތުރައިން ސަލާމަތް ކުރަން ބޭނުން ވާނަމަ އެމަނިކުފާނަށް ވޯޓު ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

"މި ވާހަކަ އަޑުއައްސަވާފައި ވޯޓު ނުލައްވައި ދޫކޮށްލެއްވީމާ ދެން އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް. އަޅުގަނޑު ދަންނަވާނީ ކެންޑިޑޭޓު ނަންބަރު ފަހަކަށް ވޯޓު ދޭށޭ. އަޅުގަނޑު އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައި ދިނިން. އެކަމަކު، ވީ ފެއިލް،"
ގާސިމް އިބްރާހީމް

ފެންނަމުން މިދަނީ ވެރިކަން ކުރަން ނޭނގޭ މީހުންނާ ވެރިކަން ހަވާލުކުރީމާ ވާގޮތް ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނަކީ ޓެސްޓެޑް އެންޑް ޕްރޫވަން ޕްރޮޑަކްޓެއް ކަމަށް ބޭފުޅުން ވިދާޅުވާ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ އައްޑޫއަށް ރޯޝަނީކަން ގެނެސްދެއްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި އެކަމަށް ކުރިމަތިލެއްވީ ގައުމު ސަލާމަތް ކުރެއްވުމުގެ ބޭނުމުގައި ކަމަށާއި އެއީ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންވެ، އޭނާ ފިޔަވައި އިތުރު ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް ވެސް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.