ކުރީގެ ސަރުކާރާ ދެކޮޅަށް ހިޔާލުފާޅުކުރި އެއްހާހަށްވުރެ ގިނަ މުވައްޒަފުންނަށް އެ ވެރިކަމުގައި ދަތިކުރުމުގެ ފިޔަވަޅު އެޅި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހެނދުނު ހދ. ކުމުންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރަށްތަކުން މިހާރު ފެނިގެންދާ މަންޒަރަކީ އެ އަނިޔާވެރިކަމުގެ ތެރެއަށް އެނބުރި ދިއުމަށް ބޭނުން ނުވާ މަންޒަރު ކަމަށެވެ.

"ނޫސްވެރިންނާއި ވިޔަފާރިވެރިން އަދި ރައްޔިތުންގެ އެތައް ބަޔަކު، ޖަލަށް ދާން ޖެހުނު. ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް، ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް އޭރަކު ނެތް. ހިޔާލުފާޅުކުރި 1000 އަށްވުރެ ގިނަ ސަރުކާރުގެ މުވައްޒަފުން ވަނީ ވަޒީފާ އަދާކުރަމުންދިޔަ ރަށް ނޫން އެހެން ރަށަކަށް ބަދަލުކޮށްފައި. އާއިލާއާ ދުރަށް ފޮނުވައިލެވުނު،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ އޭރު ސަރުކާރާ ދެކޮޅަށް ޓުވީޓެއް ކޮށްލިޔަސް، ޖަލަށް ދާންޖެހޭ ކަމަށާއި ރައްޔިތުން އޭރު އުޅެން ޖެހުނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް މިހާރު ރައްޔިތުންނާއި ވިޔަފާރިވެރިން އަދި ނޫސްވެރިންނަށްވެސް މިނިވަންކަމާއި އަމާންކަމާއެކު އުޅެވޭނެ މަގު ފަހިވެފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ކުމުންދުއަށްވެސް ވައުދުތަކެއް ވެވަޑައިގެންފައެވެ.

  • ނެރު ބަދަލުކުރުން
  • މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުން
  • ސްކޫލަށް ބޭނުންވާ ސާމާނު ހޯދައިދެއްވުން

މީގެ އިތުރުން ޓެކްނިކަލް ސާވޭއެއް ހެދުމަށްފަހު ބަނދަރު ހެދުމަށް ވިސްނަވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ