ޔޫކްރޭންގެ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުން އޮލެކްސީ ރެޒްނިކޯވް އިއްޔެ ވަކި ކުރައްވައިފިއެވެ.

ރެޒްނީކޯވް މަގާމުން ވަކި ކުރައްވެއްވުމަށްފަހު ރައީސް ވްލަޑިމީރް ޒެލެންސްކީ ވިދާޅުވީ މިވަގުތަކީ ޑިފެންސް މިނިސްޓްރީއިން އައު އުކުޅުތަކާއެކު ކުރިއަށްދާންވީ ވަގުތު ކަމަށެވެ.

މިސްޓަރ ރެޒްނިކޯވް އަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ފުލް ސްކޭލް އަސްކަރީ ހަރަކާތް ޔޫކްރޭނާ ދެކޮޅަށް ފެށުމުގެ ކުރިންވެސް ޑިފެންސް މިނިސްޓްރަކަށް ހުންނެވި ބޭފުޅެކެވެ.

ޔޫކްރޭންގެ ސްޓޭޓް ޕްރޮޕަޓީ ފަންޑު ހިންގާ ރުސްޓެމް އުމެރޯވް ރެޒްނިކޯވްގެ ފަހަތުން ވެރިކަމަށް ނޮމިނޭޓްކޮށްފި އެވެ.

ޓްވިޓާގައި (އެކްސްގައި) ކުރި ޕޯސްޓެއްގައި ރެޒްނިކޯވް ވަނީ އޭނާގެ އިސްތިއުފާގެ ސިޓީ އެގައުމުގެ ޕާލަމެންޓަށް ހުށަހެޅިކަން ކަށަވަރުކޮށްދީފަ އެވެ.

ޔޫކްރޭންގެ މީޑިއާތަކުން ލަފާކޮށްފައިވާ ގޮތުގައި އޭނާ ލަންޑަނުގައި ހުންނަ ކިއެވްގެ އާ ސަފީރަކަށް ވެވަޑައިގަންނަވާނެ ކަމަށާއި އެގައުމުގެ އިސް ސިޔާސީ ބޭފުޅުންނާ އެކު ރަނގަޅު ގުޅުންތަކެއް ރެޒްނިކޯވް ގާއިމް ކުރައްވާފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ.

އުމުރުން 57 އަހަރުގެ ރެޒްނިކޯވް ވަނީ ޔޫކްރޭންގައި ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭން ދިފާއު ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން މީޑިޔާގައި މަގްބޫލް ބޭފުޅަކަށް ވެވަޑައިގެންފައެވެ. ބައިނަލްއަގްވާމީ ދުނިޔެއިން ބަލައިގަނެފައިވާ ރެޒްނިކޯވް ވަނީ ޔޫކްރޭނާ އެކުވެރި ހުޅަނގުގެ ގައުމުތަކާއެކު ގަވައިދުން މަޝްވަރާގެ ބައްދަލުވުންތައް ބާއްވައި ޔޫކްރޭނަށް ބޭނުންވާ އަސްކަރީ ސާމާނު ހޯދުމަށް ލޮބީކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.