އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް, ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް ރަސްމީކޮށް މިރޭ ނުކުމެވަޑައިގަންނަވަން ނިންމަވައިފިއެވެ.
މެޑަމް ފާތުން މިރޭ 8:30 އަށް ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕީޕީއެމްގެ މައި ޖަގަހައަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވާނެއެވެ.
އެ ކަމަނާ ވަޑައިގަންނަވާތީ އެ ބައްދަލުވުންތަކަށް ދިއުމަށް ޕީޕީއެމްގެ އިސް ބައެއް އެކްޓިވިސްޓުން މިހާރު އަންނަނީ ދައުވަތު ފޮނުވަމުންނެވެ.
މިއީ ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ދޭން އެ ޕާޓީގެ ކައުންސިލުން ފާސްކުރި ފަހުން ޔާމީންގެ އަނބިކަނބަލުން މުއިއްޒުގެ ކެމްޕެއިން ހަރަކާތްތަކަށް އަމަލީ ގޮތުން ނުކުންނަވާ ފުރަތަމަ ފަހަރެވެ.
މިގޮތަށް ނުކުމެވަޑައިގެން ނޫޅުއްވިކަމުގައި ވިޔަސް، މުއިއްޒު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ޔާމީންގެ އިތުރުން ސީދާ ފާތުންގެ ތާއީދާއި އެހީތެރިކަމާ އެކުގައި ކަމަށް މުއިއްޒުގެ އަރިހުގައި މަސައްކަތްކުރާ އެކި އިސްބޭފުޅުން ވަނީ މައުލޫމާތު ދެއްވާފައެވެ. އެ ބޭފުޅުން ދެންނެވި ގޮތުގައި، ވަކިވަކި ކެމްޕެއިން ގުރޫޕްތަކަށް ވެސް ފާތުން ފޯނު ކުރައްވައި އިރުޝާދު ދެއްވާ ކަމަށް ވެއެވެ.
ރައީސް ޔާމީންގެ ވެރިކަމަށްފަހު މެޑަމް ފާތުން ސިޔާސީ މަސައްކަތުން އެއްވެސް ވަރަކަށް ފެނިފައި ނުވެއެވެ. މެޑަމް ކެމްޕޭނަށް މި ނިކުންނަވަނީ ރައީސް ޔާމީންގެ ތާއީދު ޑރ. މުއިއްޒަށް ނެތް ކަމަށް ބުނެ ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ހަބަރުތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.