"އައއެމް ގޮއިން ޓު ގިވް ޔޫ އަ ފިއުޗަރ؛ ހައުސިން ގެރެންޓީޑް، ޖޮބްސް ގެރެންޓީޑް،" (ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ކަށަވަރު ކޮށްދެއްވާނެކަމަށާއި ބޯހިޔާވަހިކަމާއި ވަޒީފާގެ ފުރުސަތުތައް ޔަގީންކޮށްދެއްވާކަމަށް އިދިކޮޅު ކޯލިޝަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އިންސްޓަގްރާމް އަދި ޓިކްޓޮކްގައި ޒުވާނުންތަކެއް ހިންގާ މީޑިއާ ޗެނަލެއްކަމަށްވާ (Upto.Mother) "އަޕް ޓު މަދަރ"ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އެޒުވާނުން ކޮށްލި ސުވާލުތަކަށް ޖަވާބުދެއްވުމާއެކު، އެމަނިކުފާނާ ގުޅޭ ބައެއް ވާހަކަތައް ހިއްސާކުރުމަށްފަހު ދެއްވި މެސެޖެއްގައެވެ.

އަޕް ޓު މަދަރ އިން "ކޭންޑީ-ޑޭޓް ވިތު މުއިއްޒު"ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިވަޑައިގެން ޑރ. މުއިއްޒު ވަނީ ހިތްގައިމު، އެކުވެރި މާހައުލެއްގައި ވަރަށްވެސް އުފާވެރި ކަމާއެކު ވަގުތު ކޮޅެއް ހިއްސާކުރައްވައި އަމިއްލަފުޅު ޒާތީ ބައެއް ވާހަކަތައްވެސް ހިއްސާކުރައްވާފައެވެ. މި ޒުވާނުން ޕްރޮގްރާމް ކުރިއަށް ގެންދިޔަ މަޖާ އަދި ރަހްމަތްތެރި ގޮތާމެދު މުއިއްޒު ވަރަށް ބޮޑަށް ރުހިވަޑައިގެންނެވިއެވެ.

ޕްރޮގްރާމް ފެށުމުގެ ގޮތުން ކެޕްމެއިން ތެރޭގައި ނުހަނު ބުރަކޮށް އުޅުއްވަމުންވެސް މުއިއްޒު ދެއްވި ވަގުތުކޮޅަށްޓަކައި "އަޕް ޓު މަދަރ"ގެ ޒުވާނުން ވަނީ މުއިއްޒަށް ހިތުގެ އަޑިން ވަރަށްބޮޑަށް ޝުކުރު ދަންނަވާފައެވެ.

އޭގެ ފަހުގައި މި ޒުވާނުން ވަނީ ޕާކުކުރުމާއި ޕާކިން ޖޫރިމަނާ އާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ. އެގޮތުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި ނަމަވެސް މިހާރު އެކަމާ މެދު އެއްވެސް ހާސްކަމެއް ނެތްކަމަށެވެ. މިވާހަކައަށް ޖަވާބު ދެއްވަމުން، ޕާކް ކުރާނެ ތަނެއް ނުދައްކައި ޕާކިން ސްޓިކާ ނުޖަހާނެކަމަށް ބުނި ނަމަވެސް މިސަރުކާރުން އެކަން ކުރީ އެއާއި ދިމާ އިދިކޮޅަށްކަން ހާމަކުރެއްވުމާއެކު، އުފާވެރިކަމާއެކު މުއިއްޒު ވިދާޅުވީ މިސަރުކާރުން އެގޮތަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާތައް މައާފް ކޮށްދެއްވާނެ ކަމަށެވެ.

"އެކަމާ ހާސްނުވޭ. ހުރިހާ ޕާކިން ޖޫރިމަނާތައް ހަމަ ޒީރޯގަ ޖައްސާނަން. އެއީ ކުރާނެ ކަމެއް،" މުއިއްޒު ވިދާޅުވިއެވެ.

އެ ޒުވާނުން ވީޑިޔޯތަކުގައި ބުނީ ޑރ. މުއިއްޒު އެތަނުގައި އިންނެވުމަކީ ވަރަށް "ސަޕްރައިޒިން" ކަމެއްކަމަށެވެ. މި ޒުވާނުން ޑރ މުއިއްޒަށް ޓިކްޓޮކުން ދައުވަތު ދެއްވީ މީގެ ފަސް ވަރަކަށް ދުވަސް ކުރިންނެވެ. އެ ދައުވަތު ވީޑިޔޯގައިވެސް ޑރ މުއިއްޒު ޖަވާބު ދެއްވާފައިވަނީ ވަރަށްވެސް އުފާވެރި ކަމާއެކުގައެވެ.

"އަޕްޓު މަދަރ" ޕްރޮގްރާމުގައި ޑރ. މުއިއްޒާ ކުރި ބައެއް ސުވާލުތައް އަދި ޖަވާބުތައް:

  • ސ 1: ފެމިލީ އެއްވެސް މީހަކު ނިކްނޭމެއް ކަހަލަ އެއްޗެއް ކިޔާތަ؟
  • ޖ: ނަސީބަކުން ތިކަހަލަ އެއްވެސް ކަމެއް ލައްވާލާފައެއް ނެތް، މުއިއްޒު އެއަށް ވުރެ ބޮޑުވަރެއް ނުވޭ. އެހެން ނަމެއް ހަރެއްނުލި
  • ސ 2: މިހާރު ގިނަ ރަށްތަކަކަށް ދަތުރު ކުރައްވަމުން ގެންދަވާއިރު ދާން ބޭނުންވެފަ ނުދެވި އިން ރަށެއް އެބައިންތަ؟
  • ޖ: ކެމްޕެއިން ތެރޭ ފަންސާސް އިންސައްތަ ރަށްތަކަށް ދެވިއްޖެ، ދެވެން އިން އެންމެ ގިނަ ރަށަކަށް ދާނަން. އެކަމަކު ވަކި ހާއްސަ ރަށެއް ނެތް. އައިވެންޓް މައި އޯން އައިލެންޑް، މައި ވައިފްސް އައިލަންޑް، އެހެން ވަކި ރަށެއްނެތް.
  • ސ 3: ވަރަށް ގިނަ ތަފާތު ދާއިރާތަކުން ކިޔަވާ ވިދާޅުވެގެން ތި ހުންނެވީ، އެގޮތަށް ގިނަ ދާއިރާތަކަކުން ކިޔަވާވިދާޅުވިއިރު އިރު ސްޓްރެސް ވާނެ. އެކަމާ ޑިލް ކުރީ ކިހިނެއްތޯ؟
  • ޖ: ނާކާމިޔާބު ވިޔަސް ހިތްވަރު ދޫނުކޮށް އަލުން ހަމަ ފަށަނީ، އަބަދުވެސް އެންމެ މަތީ ނަތީޖާ ހޯދުމަށް މަސައްކަތް ކުރަން، އެންމެ ކުޑައިރުއްސުރެ ޕީއެޗްޑީ ހަދާ ނިމެންދެން ރަނގަޅަށް ގެންދެވިފައި އޮތީ، ވަރަށް އުނދަގޫ ކަމެއް. ހީވެސް ނުކުރާ ސްޓްރެސްފުލް ކަމެއް މައްޗަށް ދާ ވަރަކަށް ޕީއެޗްޑީގައި އެންމެ ފަހު ކަމަކަށް ތީސީސް ހެދިއިރު ހުއްޓުމެއް ނެތި ހަތަރު މަސް ވަންދެން ކޮންމެ ދުވަހަކު އަށާރަ، ވިހި ގަޑިއިރު ވަންދެން މަސައްކަތް ކުރިން.

މި ސުވާލަށް ޖަވާބު ދެއްވި އިރު ޑރ. މުއިއްޒު ވަނީ މަޖީދިއްޔާ ސްކޫލުގައި ކިޔަވާ ވިދާޅުވިއިރު ދިމާވި މަޖާ ކަމެއްގެ ވާހަކަވެސް ހިއްސާކުރައްވާފައެވެ.

ސްކޫލު ނިމޭގަޑީގައި އަބަދުވެސް ބަލާ ދުރުވާނީ މަންމަކަން ހާމަކުރައްވައި މުއިއްޒު ވިދާޅުވީ އެދުވަހަކީ ތަންކޮޅެއް ކުރިން ސުކޫލު ގަޑި ނިމުނު ދުވަހެއްކަމަށްވުމުން ކްލާސް ކުދިންނާއެކީ ނުކުމެ މަޖީދިއްޔާ ސްކޫލު ދޮރު މަތީގައި ގައު ކޮޅެއް ނަގައި، އެގައުކޮޅުން ފުޓްބޯޅަ ކުޅެން ހުންނަވަނިކޮށް މަންމައަށް ފެނިލެއްވީ ކަމަށެވެ. އެގޮތަށް ކުޅެން ހުންނެވިތަން ފެނިލެއްވުމުން އެންމެންގެ ތެރޭގައި ކަންފަތުގައި ހިފާފައި ގެންދިޔަ ކަމަށާއި އެދުވަހު ވަރަށް ބޮޑަށް ލަދު ގަތް ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

https://youtu.be/BSRTRL_mFOA

މީގެ އިތުރުން ވެސް މުއިއްޒާ ކުޅިވަރު ގެ ހާއްސަ ސުވާލެއް ކުރިއެވެ. "މެސީ އޯ ރޮނާލްޑޯ؟"(މެސީ ނޫނީ ރޮނާލްޑޯ) ތޯ ކޮށްލި ސުވާލުގެ ޖަވާބުގަައި މުއިއްޒު ވިދާޅުވީ "ޑެފިނިޓްލީ މެސީ." (ޔަގީން، މެސީ) ކަމަށެވެ. މުއިއްޒު ވިދާޅުވީ އެންމެ ސަޕޯޓް ކުރާ ކުލަބަކީ މެންޗެސްޓަރ ޔުނައިޓެޑް ކަމަށާއި އަދި އެންމެ މަގުބޫލު ކުޅުންތެރިއަކީ މެސީ ކަމަށެވެ.

"އަޕްޓު މަދަރ"ގެ މިވީޑިޔޯ ޕްރޮގްރާމުގައި ޒުވާނުންނަށް މުއިއްޒު ވަނީ ހާއްސަ މެސެޖެއް ދެއްވާފައެވެ. އަދި އެމަނިކުފާނަށް ވޯޓު ލާންވީ ސަބަބުވެސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. "އައިމް ގޮއިން ޓު ގިވް ޔޫ އަ ފިއުޗަރ. ހައުސިން ގެރެންޓީޑް، ޖޮބްސް ގެރެންޓީޑް،" ޑރ. މުއިއްޒު ވިދާޅުވީ ޒުވާނުންނަށް ރަނގަޅު މުސްތަގުބަލެއް ކަށަވަރު ކޮށްދެއްވާނެ ކަމަށާއި ބޯހިޔާވަހި ކަމާއި ވަޒީފާގެ ފުރުސަތުތައް ޔަގީންކޮށްދެއްވާ ކަމަށެވެ.

"އައިމް ގޮއިން ޓު ގިވް ޔޫ އަ ފިއުޗަރ. ހައުސިން ގެރެންޓީޑް، ޖޮބްސް ގެރެންޓީޑް،"
ޑރ. މުއިއްޒު

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ޒުވާނުންނަށް އެންމެ ބޮޑަށް ބޭނުންވާ ދެކަމަކީ ބޯހިޔާ ވަހިކަމާއި، ވަޒީފާ ކަމަށެވެ. މި ދެކަންތައްވެސް ޒުވާނުން ބޭނުން ގޮތަށް ކޮށްދޭނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.. އެގޮތުން ކޮންމެ ޒުވާނަކަށް އެފޯޑަބަލް ގޮތަކަށް ބޯހިޔާވަހިކަން ފަހިކޮށްދީ ކޮންމެ ޒުވާނަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެކަމަށެވެ. އަމިއްލައަށް އިމާރާތް ކުރުމުގެ ތަނަސްކަން ނެތް ޒުވާނުންނަށް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ގެތަށް އިމާރާތްކޮށް ލުއި ލޯނުތައް ހަމަޖައްސައި ކުޑަ އިންޓަރެސްޓް ލޯނުގައި ދެއްކޭނެ ގޮތްތައް ހަމަޖައްސަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު ޒުވާނުންނަށް ބޭނުންވާ ވަޒީފަގެ ފުރުސަތުތައް ފަހިކޮށް، ވަޒީފާގެ ފުރުސަތު ފަހިކޮށްދެއްވާނެކަމަށެވެ. ޒުވާނުން އެންމެ ޝައުގުވެރިވާ ދާއިރާތަކުން އެފުރުސަތުތައް ފަހިކޮށް ދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުޅި މުޖުތަމައަކީ މިހާރަށްވުރެ އަމާން ތަނަކަށް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައި މުއިއްޒު ވިދާޅުވީ މުޖުތަމައަކީ ކޮންމެ މީހެއްގެވެސް އަމިއްލަ ނަފުސު ސަލާމަތްތެރި ކަމާއެކު ގެންގުޅެވޭނެ ތަނަކަށް ބަދަލުކޮށް ދެއްވާނެކަމަށެވެ.

"އެމްޕްޓީ ޕްރޮމިސް ނުވާނަން، ނުކޮށްދެވޭ ކަންކަމަށް ވައުދު ނުވާނަން،" ޑރ. މުއިއްޒު ޒުވާނުންނަށް ޔަގީންކަން ދެއްވީ އެއީ ހުހަށް ދާނޭ ވައުދުތަކަކަށް ހުވާތަކަކަށް ނުވާނެކަމަށާއި ކޮށްނުދެއްވޭނޭ ކަންކަމަށް އެމަނިކުފާނު ވައުދުވެވަޑައި ނުގަންނަވާނޭ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.