ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މ. އަތޮޅުގެ "ރާއްޖެ ޓްރާންސްޕޯޓް ލިންކް ފެރީ ހިދުމަތް" ފަށައިފިއެވެ.

މ.އަތޮޅަށް އާރް.ޓީ.އެލް ފެރީގެ ހިދުމަތް ރަސްމީކޮށް ފެށުމާއެކު މިހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ދުވަހުގައެވެ. އަދި އެންމެ ފުރަތަމަ ހަފްތާގައި ފެރީގެ ދަތުރުތައް ކޮށްދޭނީ ހިލޭ ކަމަށް އެމްޓީސީސީއިން ބުނިއެވެ.ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ދަތުރަށް ޖާގަ ހޯދުމަށް ގުޅަން ޖެހެނީ އެމްޓީސީސީގެ ނަންބަރު 7955508 އަށްކަމަށްވެސް ބުނިއެވެ.

ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤްސަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމާއިއެކު ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ ރަސްމީކޮށް އަގުނަގައިގެން ހިދުމަތް ދޭން ފެށިކަމުގައި ވިޔަސް ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި އެންސްޕާ ގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.މިއީ ޖުމްލަ 45 ފަސެންޖަރުންނަށް އަރާމު ކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާކޮންޑިޝަން އުޅަނދެކެވެ.އަދި މި އުޅަނދުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ.

މީގެއިތުރުން ބުނީ ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާއެކު ހިދުމަތް ދިނުމަށް ތައްޔާރު ކޮށްފައިވާ ވެބްސައިޓް stl.mtcc.mv އޮންލައިންކޮށް ޓިކެޓް ނެގޭނެ ކަމަށެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމްޓީސީސީގެ މަޤްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.