އެމެރިކާގެ ފަސްޓް ލޭޑީ ޖިލް ބައިޑަން ކޯވިޑް-19 އަށް ފައްސިވެފައިވާ ކަމަށް ވައިޓް ހައުސްއިން އިއުލާން ކޮށްފިއެވެ.
މިކަމާ ގުޅޭ ގޮތުން ވައިޓްހައުސްއިން ނެރުނު ނޫސްބަޔާނުގައި ބުނީ ފަސްޓް ލޭޑީ ކޮވިޑަށް ފައްސިވެފައި ވީނަމަވެސް އަށްޑިހައިގެ އަހަރުތައް ގުނަމުން ގެންދަވާ ރައީސް ޖޯ ބައިޑަންގެ ކޮވިޑް ޓެސްޓް ނެގެޓިވް ކަމަށެވެ.
"މިއަދު (އިއްޔެ) ހަވީރު ފަސްޓް ލޭޑީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ. މިވަގުތު އެކަމާގެ ފަރާތުން ފެންނަނީ ހަމައެކަނި އާދައިގެ އަލާމާތްތަކެއް. އެކަމަނާ ކަރަންޓީންވެ ހުންނަވާނީ ޑެލަވޭއާގެ ރެހޮބޮތު ބީޗްގައި ހުންނަ ގެކޮޅުގައި" ފަސްޓް ލޭޑީގެ ތަރުޖަމާނު އެލިޒަބަތު އެލެގްޒެންޑަރ ނެރުނު ބަޔާނެއްގައި ބުންޏެވެ.
އުމުރުން 72 އަހަރުގެ ފަސްޓް ލޭޑީ ކޮވިޑަށް ޑައިގްނޯސް ކުރެވިފައި މިވަނީ ރައީސް ބައިޑަންއަށް ވަރަށް ބިޒީ ހަފްތާއެއް ބޯމަތިވެފައި ވަނިކޮށެވެ. މިހަފްތާގެ ކުރީކޮޅު ފިލަޑެލްފިއާގައި ލޭބަރ ޑޭ ތަގުރީރެއް ދެއްވި ޖޯ ބައިޑަން ކުރިއަށް އޮތް ބުރާސްފަތި ދުވަހު އިންޑިއާގައި ބާއްވާ ޖީ20 ސަމިޓަށް ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި އޭގެ ކުރިން ވައިޓް ހައުސްގައި ބާއްވާ ރަސްމިއްޔާތެއްގައި ސިފައިންގެ ކެޕްޓަނަކަށް ޝަރަފުގެ މެޑަލް އަރުވަން ހަމަޖެހިފައިވެ އެވެ.
ވައިޓްހައުސްގެ އޮފިޝަލަކު ހޯމަ ދުވަހު ސީއެންއެންއަށް ވިދާޅުވީ ވައިޓް ހައުސްގެ ކޯވިޑް ޕްރޮޓޮކޯލްތަކަށް އަދި ރައީސްގެ ޝެޑިއުލަށް މިވަގުތު އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.