ހޮންގ ކޮންގ ގައި އެމެރިކާގެ ޑިޕްލޮމޭޓަކު މަސްއޫލުވެރިއަކާ ނުވަތަ ރަށުގެ ކަމުވޮށިގެންވާ މީހަކާ ބައްދަލު ކުރާނަމަ، ފުރަތަމަ ޗައިނާގެ ފޮރިން މިނިސްޓްރީން ހުއްދަ ނެގުމަށް ޗައިނާއިން އަންގައިފިއެވެ.

ޗައިނާއިން މިގޮތަށް ނިންމާފައިވަނީ، އެމެރިކާއިން އެޅިފިވަލަކަށް ބަދަލު ހިފުމުގެ ގޮތުންނެވެ.

ޗައިނާގެ މިފިޔަވަޅު ހާމަވެގެން ދިޔައީ ހޮންގ ކޮންގގެ ވިޔަފާރިއަށް ފަހި ސިޔާސީ ޕާޓީ، ލިބަރެލް ޕާޓީގެ ލީޑަރު ފްލިކްސް ޗުންގއާ ބައްދަލުކުރެއްވުމަށް ހޮންގ ކޮންގ ގައި ހުންނަވާ އެމެރިކާގެ އިސް ޑިޕްލޮމޭޓް އެދި ވަޑައިގަތުމުން، ހޮންގ ކޮންގ ގައި ހުންނަ ޗައިނާ ފޮރިން މިނިސްޓްރީގެ އޮފީހުން މި އީ އެފަދަ ބައްދަލުވުމަކަށް މުނާސިބު ވަގުތެއް ނޫންކަމަށް ޗުންގއަށް އެންގުމާ ގުޅިގެންނެވެ.

ސެޕްޓެމްބަރު މަހު ކުރީކޮޅު އެމެރިކާއިން ނިންމާފައިވަނީ އެމެރިކާގައި ތިބޭ ޗައިނާގެ ސީނިއާ ޑިޕްލޮމޭޓުން ސްޓޭޓް ސަރުކާރުތަކުގެ މަސްއޫލުވެރިންނާ ނުވަތަ ޔުނިވަރސިޓީގެ މަސްއޫލުވެރިންނާ ބައްދަލުކުރާނަމަ، އެކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.

ހޮންގ ކޮންގ ގައި ޗުންގ ވިދާޅުވީ އޭނާ ޑިޕްލޮމޭޓުންނާ ބައްދަލުކުރެއްވުމުގެ ކުރިން އެކަން ޗައިނާގެ މަސްއޫލުވެރިންނަށް އަންގަވާ ކަމުގައެވެ. ނަމަވެސް އެހެން ދެ އެމްޕީއަކު ވިދާޅުވެފައިވަނީ އެބޭފުޅުން އެފަދަ އެންގުމެއް ނައަންގާނެ ކަމުގައެވެ. އެއީ، ޗައިނާއަށް އަންގަން ޖެހޭގޮތަށް ލާޒިމްކޮށްފައި ވަނީ ޑިޕްލޮމޭޓުންނަށެވެ.

ޗުންގ ވިދާޅުވިގޮތުގައި މީގެ ދިހަ ދުވަސްކުރިން އެމެރިކާގެ އިސް ޑިޕްލޮމޭޓް ކޮންސުލް ޖެނެރަލް ވަނީ އޭނާއާއެކު ޕްރައިވެޓްކޮށް ހޮންގ ކޮންގ ގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްލުމަށް ބައްދަލުކުރެއްވުމަށް އެދި ވަޑައިގެންފައެވެ. އަދި އެކަން އޭނާ ހޮންގ ކޮންގ ގައި ހުންނަ ޗައިނާގެ ފޮރިން މިނިސްޓްރީގެ މަންދޫބަށް އެންގުމުން އެކަން ނުކުރުމަށް އިރުޝާދު ދިނީ ކަމުގައެވެ.