އއ.މަތިވެރީގައި އެއަރޕޯޓަކާއި ބިން ހިއްކުމާއި އަދި ފަޅުގައި ރެޒޯޓެއް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި މިއަދު ޑރ.މުއިއްޒު މަތިވެރިއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާއިރު، އެރަށު އެމްޑީޕީއަށް ނިސްބަތްވާ ބަޔަކު ވަނީ މުއިއްޒަށް ހަމަލާދޭންވެސް މަސައްކަތް ކޮށްފައެވެ.

ނަމަވެސް މިއަދު މަތިވެރި ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު އެފަދަ އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށް އެވާހަކަ ދައްކަވާފައި ނުވެއެވެ. އޭގެ ބަދަލުގައި މުއިއްޒު ދެއްވީ މަތިވެރީގެ ރައްޔިތުންގެ އެދޭ ތަރައްގީ ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.

މުއިއްޒު މަތިވެރީގައި

ރައީސް ޔާމީންގެ ވެރިކަމުގައި މަތިވެރިއާއި، އަދި އެނޫންވެސް ރާއްޖޭގެ ރަށްތަކަށް ގެނެސްދެއްވި ތަރައްގީ މިސަރުކާރުން އޮތީ ހުއްޓާލާފައިކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިފަސް އަހަރަކީ ތަރައްގީ ހުއްޓި މަޑު ޖެހިފައި އޮތް ފަސް އަހަރު ކަމަށާއި ވެރިކަމާ ހަވާލުވުވެވަޑައިގެން، މިފަދަ ކަންތައްތައް ބަދަލުކޮށްދެއްވައި، މިސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި ނުކުރެވި ހުރި އެތައް ކަމެއް ކޮށް ނިންމަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަންނަނީ ރައީސް ޔާމީންގެ ތަރައްޤީ އަލުން އިޔާދަކުރުމަށް. މިފަސް އަހަރު ތަރައްގި އޮތީ ހުއްޓިފަ. އަޅުގަނޑުމެން މިއަންނަނީ އެކަން ބަދަލުކޮށް ތަރައްގީ ބާރު ސްޕީޑުގައި ކުރިއަށް ގެންދަން،"
މުއިއްޒު
މުއިއްޒު މަތިވެރީގައި

މުއިއްޒުވަނީ މިޖަލްސާގައި މަތިވެރި ރައްޔިތުން އެންމެ ބޮޑަށް އެދިއެދި ތިބި ބިން ހިއްކުމާއި، އެއާޕޯޓްގެ މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ހަމައެހެންމެ މަތިވެރިއާއި އއ.އަތޮޅުގައި ޓުވަރިޒަމް އިތުރަށް ފުޅާކުރުމަށް އިތުރު ރިސޯޓް ތަރައްގީކޮށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.