މަސްވެރިންނަށް ބޮޑު އަގުދެވޭނީ މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން – ރައީސް

1
މިރޭ ގދ. ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށި ޕްރޮގްރާމްގައި ރައީސް ވާަހަކަފުޅުދަައްދައްކަވަނީ

މަސްވެރިން ބާނާ މަހަށް މިހާރަށް ވުރެ ބޮޑު އަގު ލިބޭ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އެބަދަލުތައް ކައިރި މުސްތަޤުބަލެއްގައި ގެންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމާ ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދަން ގދ. ތިނަދޫގައި ބޭއްވި “ޖަޒީރާ ހޮޅުއަށި”ގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ބާނާ މަހުގެ ޖުމްލަ އަކީ 150،000 ޓަނު ކަމަށް ވިއަސް މިފްކޯ އަށް ގަނެވެނީ 42،000 ޓަނު ކަމަށެވެ. ބާކީހުރި މަސް ޓަނުތައް ގަންނަނީ އެހެން ފަރާތްތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު އެކަނި ވެސް މަސްވެރިކަމަށް 813 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށެވެ. އަދި މި އަހަރު މިހާތަނަށް މަސްގަންނަން 467 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

Advertisement

“މަސްވެރިކަން ތަރައްގީކުރަން ޖާގަ އެބައޮތް. ރާއްޖެ އަށް ބާނާ މަސް އިތުރުކުރުމުގެ ފުރުސަތު އެބައޮތް. އަދި ބާނާ މަހަށް ހޯދަންޖެހޭ، ލިބޭނެ އަގު މިއަށްވުރެ އިތުރުކުރެވޭނެ ކިތައްމެ ގޮތެއް އެބަހުރި. މަސައްކަތްކުރަނީ އެ ދިމާލަށް ދާން. ގާނޫނީ ރައްކާތެރިކަން މަސްވެރިންނަށް ހޯދައިދޭނަން. އޭގެ އިތުރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަންނީ ތަޖުރިބާ،” ނައިބު ރައީސް ފައިސަލް ނަސީމާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ބާނާ މަސް ގަންނަން ވަކި ޒޯންތަކަށް ބަހާލައި ވަކި ފަރާތްތަކަށް އެ ކޮންޓްރޯލް ދީފައިވާ ކަމަށާއި ނަމަވެސް އެއީ ހުޅުވާލެވިދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއިން ކުރާ ފައިދާ ބޮޑުވާނެ ކަން ފާހަގަކުރެއްވި އެވެ.

މަސް ގަތުމަށް ފަހު މިފްކޯ އިން ގިނަ މަސް ބޭރުކުރަނީ ފިނުކުރި މަހުގެ ގޮތުގައި ކަމަށާއި އެކަމަކު އެއަށްވުރެ ދަޅުގައި ބަންދުކޮށްގެން ބޭރުކުރުމުން ލިބޭ އާމްދަނީ ހަތަރު ގުނަ އިތުރުވާ ކަމަށް ވިދާޅުވި އެވެ.

“އެހެންކަމުން ރާއްޖެއަށް މި ބާނާ މަސް އަދި މިފްކޯ އަށް މި ގަންނަ މަސް ޕްރޮސެސްކޮށްގެން ވިއަސް ބޭރުކުރެވިއްޖެއްޔާ މިހާރު މި ލިބޭ އަގަށްވުރެ ބޮޑު އަގެއް ލިބޭނެކަމީ ޝައްކެއް ނެތް ކަމެއް. އެ އަގު ލިބޭ ކަމުގައިވާ ނަމަ މަސްވެރިންނަށް މިފްކޯއިން މަސްގަންނަން ދޭ އަގު އިތުރުކުރެވޭނެ. އެހެންވީމާ މިފްކޯއަށް ސަރުކާރުން ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި،” ރައީސް ވިދާޅުވި އެވެ.

މިފްކޯއިން ގަންނަ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރަނީ 28-30 ޕަސެންޓާ ދެމެދުގެ މަސް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިފްކޯގައި ފައިދާވާ ހަމައެކަނި ތަނެއްގެ ގޮތުގައި މިވަގުތު އޮތީ ފެލިވަރު ކަމަށް ވިދާޅުވި އެވެ. ކޫއްޑޫ، އައްޑޫ އަދި ކަނޑުއޮއިގިރި މިވަގުތު ހިންގަނީ ގެއްލުމުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގެއްލުން ނުލިބޭ ކުންފުންޏަކަށް މެފްކޯ ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި އަހަރު ނިމޭއިރު އެކަން ހާސިލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

Advertisements

1 COMMENT

  1. މިފްކޯއަށް ބަދަލުތަކެއް ގެންނަން ވަނީ ޖެހިފައި، އެކަން ކުރުން ވަރަށް ބޮޑަށް ލަސްވެއްޖެ. އެތަން އެބަޖެހޭ ދޮވެ ތާހިރު ކުރަން

LEAVE A REPLY

Please enter your comment!
Please enter your name here