އއ. ރަސްދޫ ފަޅު ތެރެއިން އެ ރަށަށް ބޭނުންވާ ބިން ހޯދުމަށްޓަކައި އިތުރު ރަށެއް ހިއްކައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ރަސްދޫއަށް މިއަދު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމަކީ އެންމެ މުހިންމު ގިނަ މައްސަލަތަކުގެ ހައްލު ކަމަށެވެ. ރަސްދޫއަށް ބޭނުންވާ ބޯހިޔާވަހިކަމާއި ސިނާއީ މަސައްކަތްތަކާއި އިގުތިސާދީ މަސައްކަތްތަކަށް އެ ރަށު ފަޅުން އިތުރު ރަށެއް ހިއްކައި ދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރަށުގެ ރައްޔިތުން އެދޭ ގޮތަށް ރަނގަޅު ފެންވަރުގައި އެ ރަށުގެ މަގުތައް ހެދުމުގެ މަޝްރޫއެެއް ކުރިއަށް ގެންދަވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މި ސަރުކާރުން، މިސްކިތްތަކަށް އިހުމާލު ވެފައިވާކަމަށް ތުހުމަތު ކުރައްވައި މުއިއްޒު ވިދާޅުވީ، ރަސްދޫގައި ހުރީ އެންމެ މިސްކިތަކަށްވާތީ ޖާގަ ބޮޑު އިތުރު މިސްކިތެއް އެ ރަށުގައި ބިނާކޮށްދެއްވާނެ ކަމަށެވެ. ހަމައެހެންމެ، ރަސްދޫގެ ތައުލީމީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ތައުލީމީ ވަސީލަތްތައް ރަނގަޅުކޮށްދީ، އެ ރަށުގެ ތައުލީމީ މަރުކަޒަކީ ރައްޔިތުން ބޭނުންވާ ފަދަ ރަނގަޅު ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.