ރ. ވާދުއަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބޮޑެތި ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިއަދު ހަވީރު ވާދުއަށް ވަޑައިގެން، ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވެފައިވާ ލެބާއި މަލްޓިޕާޕޮސް ހޯލު ގާއިމުކޮށްދީ، ސްކޫލުގެ ވަސީލަތްތައް ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.

އާބާދީގައި 640 މީހުން ދިރިއުޅޭ ވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެރަށަށް ކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި:

  • ބިން ހިއްކައި، މަގުތަކުގައި ތާރު އެޅުން
  • ބިން ހިއްކިގެންދާ އިރުގައި، ފަޅުތެރޭގައި ޕިކްނިކް އައިލެންޑެއް ހެދުން
  • ރަށުގެ ރައްޔިތުން ބައްދަލުވުންތަކާއި ހަފުލާތައް ބޭއްވުމަށް ކޮމިއުނިޓީ ސެންޓަރެއް ގާއިމުކުރުން
  • ސިއްހީ މަރުކަޒުގެ ހިދުމަތް ރަނގަޅުކޮށް، 24 ގަޑިއިރަށް ހިދުމަތް ލިބޭގޮތަށް ބަދަލުކުރުން
  • އޭޓީއެމްގެ ހިދުމަތްދިނުމަށް މި ރަށުގައި އޭޓީއެމެއް ބެހެއްޓުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ފެށިގެންދާނެ
  • ލޭންޑް ޔޫސް ޕްލޭން ވަނީ ފާސްވެފައި، ބިންހިއްކައި ގޯތިދިނުން
  • ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށް، 60 އެނދުގެ ވެލްނެސް ހޮޓެލެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައި، އެކަން ކުރިއަށް ގެންދިއުން
ރައީސް ސާލިހު ރ ވާދޫގައި
"ރައްޔިތުން މިއަދު އެންމެ ބޭނުންވެފައި އޮތް އެއް ކަމަކީ ގޯތި. އަޅުގަނޑު ސާފުކޮށް ދަންނަވާލަން ބޭނުންވަނީ މި ރަށުގެ ލޭންޑް ޔޫސް ޕްލޭން 29 ޖެނުއަރީގައި ޕްލޭނިން މިނިސްޓްރީން ވަނީ ފާސްކޮށްދެއްވާފައި. އެހެންވީމާ މިހާރު ކައުންސިލަށް އިތުރު ދައްޗެއް ނޯންނާނެ މި ރަށުން ގޯތި ދޫކުރުމަށް. ރައްޔިތުން ބޭނުންވެފައިވާ ގޮތަށް މި ރަށުގެ ރައްޔިތުންނަށް ގޯތި ދޫކޮށްދިނުމަކީ އަޅުގަނޑު އެދޭ އެދުމެއް. ތިބޭފުޅުން އެދިވަޑައިގެންފައިވާ ގޮތަށް ބިން ހިއްކުން އެބައޮތް ކުރިއަށް. އެހެންވީމާ މިއާ ދޭތެރޭގައި މާބޮޑު ފަސްޖެހުމެއް ނުބޭއްވުން އެއީ އަޅުގަނޑުގެ މިއަދުގެ އެދުމަކީ،"
ރައީސް ސާލިހު

ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ވަރަށް ބޮޑު އުންމީދުތަކެއް މި ރަށު ރައްޔިތުން މިހާތަނަށް ވެސް ކުރަމުން އައި ކަމަށާއި ބައެއް ފަރާތްތަކަށް ބިން ވެސް ހަވާލުކޮށްފައިވާކަން ހާމަކުރައްވައި، ރައީސް ވިދާޅުވީ މިއަހަރުގެ ފަހުކޮޅު 60 އެނދުގެ ވެލްނެސް ހޮޓެލެއް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.

"މި ރަށަކީ އެނގިވަޑައިގަންނަވާނެ ދިވެހިންނަށާއި ރާއްޖެއިން ބޭރުގެ މީހުންނަށް ވެސް މަޝްހޫރު ރަށެއް. ރޭގަނޑު ވަކި ދުވަސްވަރެއްގައި ރެދަން ލުން ބެލުމަށްޓަކައި މި ރަށަށް އަންނަން ބޭނުންވެފައި، އެ އުންމީދުގައި ތިބި އެތައް ބަޔަކު އެބަތިބި. މިކަމަށް ބޭނުންވެފައި ތިބި އެތައް ބަޔަކު ރާއްޖޭގައި ވެސް ތިބޭނެ، އަދި ދުނިޔޭގައި ވެސް މަޝްހޫރު ކަމެއް އެއީ،"
ރައީސް

އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ވާދޫގައި ތަރައްގީކުރެވޭނެ ލޯކަލް ޓޫރިޒަމްގެ މަސައްކަތެއް ކަމަށާއި ކުރިއަށްއޮތް ދުވަސްވަރުގައި ލޯކަލް ޓޫރިޒަމް ތަރައްގީކުރުމަށްޓަކައި ވާން ޖެހޭ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.