ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ޓްރެއިނިންއެއް ހެދުމުން މާފުކޮށްދޭ ގޮތަށް ނިންމައި، އަދި ދެހާސް އަށާރައިން ފެށިގެން މި އަހަރުގެ މިހާތަނަށް ޕާކިން ސްޓިކާގެ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ނިންމަވައިފިއެވެ.

މިކަން ހާމަކޮށް ސަރުކާރުން ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި ރައީސް ސާލިހު މިގޮތަށް ނިންމެވީ ތަފާތު އެކި ސަބަބުތަކަށް ރިއާޔަތް ކުރުމަށްފަހުގައެވެ.

ރައީސް ސާލިހު ރިއާޔަތް ކުރެއްވިކަމަށް ބަޔާނުގައި ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުން ދިޔުމާއ،ި ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދިޔުން ހިމެނޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމަމިއާއެކު، ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން އާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު އެފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުން ދިއުމާއ،ި އެކަން އެގޮތަށް ހިނގަމުންދާކަން ރައީސް ސާލިހަށާއި ސަރުކާރަށް ވެސް ގަބޫލުފުޅުކުރެއްވޭތީ، ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވައިދިނުމަށް އެމަނިކުފާނު ނިންމެވީ ކަމަށް ސަރުކާރުގެ މި ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އަދިވެސް އިތުރަށް ބުނެފައިވާގޮތުގައި، ލައިސަންސް ނެތި ވެހިކަލް ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި ޒުވާނުން ކަންބޮޑުވުމެއްގައި ތިބިކަމަށްވާތީ އެކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ތެރޭގައި ވިދާޅުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ސަރުކާރުގެ ބަޔާނުގައި ބުނެފައި ވަނީ ޕާކިން ޖޫރިމަނާ ފިޔަވައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެ ގޮތްވެސް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

"މިގޮތުން ވަކި ހާލަތަށް ރިއާޔަތްކޮށް ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ،"

ޓްރެފިކް ގަވާއިދުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް ދެއްކުމަށް ލުއި ދެވޭނެގޮތް ކަނޑައަޅުއްވައި، ސަރުކާރުން ނިންމަވާފައިވަނީ، މިދެންނެވި ހާލަތްތަކަށް ރިއާޔަތްކޮށް، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ދިނުމަށެވެ.

މީގެ ތެރޭގައި ހިމެނޭ ކަންތައްތަކަކީ:

  • ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއި،
  • ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއި،
  • އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން
  • ބޭނުންކުރުން (ލައިސަންސް ނެތި ދުއްވުން)

މީގެ އިތުރުންވެސް ޖޫރިމަނާގެ ބާވަތުގެ ކުޑަ ބޮޑު މިނަށް ބެލުމަށްފަހު، މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުމުން މައާފުކުރެވޭ ކަންކަން ވެސް ހިމެނެއެވެ.

މި ޓްރެއިންގ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފަވަނީ ދިވެހި ފުލުހުންގެ ހިދުމަތުންނެވެ. މުއްދަތަކީ ދެ ހަފްތާއާއި އެއް މަސްދު ވަހަށްވުރެ ދިގު ނުވާނެ ގޮތަކަށެވެ. މިގޮތަށް މިކަން ކުރުމުގެ ބޭނުމަކީ، ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތައް މިފަދަ މައްސަލަތައް ތަކުރާރުކުރާ މިންވަރު މަދުކުރުމެވެ. ހަމައެހެންމެ މީގެ ސަބަބުން ޓްރެފިކް ގަވާއިދުތަކަށާއި، އިޖުތިމާއީ އެހެން މައްސަލަތަކާ ގުޅޭގޮތުން މީހުން އަހުލުވެރިވާ މިންވަރު އިތުރުކުރެވިގެންދާނެއެވެ.

ރިޔާސީ އިންތިހާބު ބާއްވަން ހަތަރު ދުވަހަށްވެފައި ވަނިކޮށް، ނުބައި ތަނެއްގައި ޕާކުކޮށްގެން ކުރާ ޖޫރިމަނާ ފައިސާއިން ނުލިބޭ ބައި މައާފު ކުރުމަށް ސަރުކާރުން ނިންމިއިރު، ޑރ. މުއިއްޒު ވަނީ ޕާކިން ޖޫރިމަނާ މައާފްކޮށް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.