އިދިކޮޅު ޕީޕީއެމްގެ މެންބަރުން އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި, ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓް ދެއްވުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައިވަނީ އެކްސް.ކޮމްގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ, އެމްޑީޕީގެ ކެނޑިޑޭޓް ރައީސް ސާލިހު ނޫން ގޮތެއް އިންތިހާބުގައި ހޯއްދަވަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވެން އޮތް މަގަކީ ޕީޕީއެމްގެ މެންބަރުން، އިލްޔާސް ލަބީބަށް ވޯޓް ދީގެން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދާއި ޕީޕީއެމް އިން ވަނީ ކޮމަން ކެނޑިޑޭޓެއް ނެރުމަށް ކުރިން މަޝްވަރާ ކުރައްވާފައެވެ. ނަމަވެސް އެކަންވާ ގޮތް ވަނީ ނުުވެފައެވެ. އަދި ޕީއެންސީގެ ޓިކެޓް ވަނީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒަށް އަރުވާފައެވެ.

ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް ޕީޕީއެމްގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.