ބައްޕާފުޅު، ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާ ލިބުނު ފަރާތްތަކުގެ ކިބައިން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން މައާފަށް އެދިވަޑައިގެންފިއެވެ.

ފާރިސް މިހެން ވިދާޅުވީ އެކްސް.ކޮމް ގައި ފާރިސް އާންމު ކުރި ކުރު ވީޑިއޯއެއްގައެވެ.

ބައެއް ފަރާތްތަކުން މިހާރުވެސް ބައްޕާފުޅު ވެރިކަން ކުރެއްވި ދުވަސް ވަރުގައި ލިބިފައިވާ އަނިޔާތަކުގެ ވާހަކަ ދައްކަމުން ދާކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ މިކަމަކީ ނުހިނގާ ކަމެއްކަމަށް ނުދެކޭ ކަމަށެވެ. މިފަދައިން ވިދާޅުވެ ފާރިސް ވަނީ އެދުވަސްވަރު އެ އަނިޔާތައް ލިބުނު ފަރާތްތަކުގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާފައެވެ.

"ރައީސް މައުމޫން ވެރިކަން ކުރެއްވި ދުވަސްވަރު ބަޔަކަށް އަނިޔާލިބި އަދި ހިތާމަތަކެއް ލިބިފައި ހުރިކަމަކީ ހަގީގަތެއް. އަޅުގަނޑު ގަބޫލު ކުރާކަމެއް. އަދި މިހިތާމާގައި އަދިވެސް ބަޔަކު ދެމިތިބި ކަމަކީ އަޅުގަނޑު ގަބޫލު ކުރާކަމެއް. އެއީ އަޅުގަނޑު ދޮގު ކުރާ ކަމެއްނޫން. އަޅުގަނޑު މިކަމަށްޓަކައި ތިބޭފުޅުންގެ އަރިހުން ނިހާޔަތަށް މައާފަށް އެދެން،"
ފާރިސް މައުމޫން

ފާރިސް ވިދާޅުވީ މިހުރިހާ ފަރާތްތަކަށްވެސް އޭނާގެ ވެރިކަމެއްގައި ފުރިހަމަ ތަސައްލީއެއް ހޯދައި، ދެއްވާނެކަމަށެވެ. ހަމައެހެންމެ ވެރިކަން ކުރައްވާނީ މިފަދަ އެންމެހާ ކަންކަމުގެ ޒިންމާ އުފުލޭނެ ކަން ޔަގީންކޮށް އެފަދަ ކަމެއް ދިމާ ނުވާނޭހެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވައިގެން ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފައެވެ

އަނިޔާއަކީ ދުވަހަކުވެސް ތާއީދު ކުރައްވާ ކަމެއް ނޫންކަމަށާއި، އެއްވެސް މީހަކަށް ނުހައްގުން އަނިިޔާއެއް ލިބުމަކީ ތާއީދު ކުރައްވާނޭ ކަމެއް ނޫންކަމަށްވެސް ފާރިސް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ހިނގަދިޔަ އަނިޔާވެރިކަމުގެ ވާހަކަތައް މިހާރުވެސް ބައެއް ފަރާތްތަކުން ދަނީ ދައްކަމުންނެވެ. އެގޮތުން ޖަލުތަކުގައި ކުރި އަނިޔާއާއި، އެނޫންވެސް ގޮތްގޮތުން ކުރި އަނިޔާތަކުގެ ވާހަކަތައް ދައްކައެވެ. ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ގިނަ ރަނގަޅުކަންތައްތަކެއް ހުރިކަމަށް ގަބޫލު ކުރާ ފަރާތްތަކުންވެސް ހާމަކުރާގޮތުގައި މައުމޫނު ކުރެއްވީ ވަރަށް ހުދުމުހުތާރު، އަނިޔާވެރި ވެރިކަމެކެވެ. ހަމަމީގެ އިދިކޮޅަށް، ރައީސްމައުމޫނަކީ އަދިވެސް ދިވެހިންނަށް ހަމަ އެންމެ ރަނގަޅު ވެރިޔާކަމަށް ގަބޫލުކުރާ ފަރާތްތައްވެސް މަދެއްނޫނެވެ.

މިއަދުވެސް މައުމޫނު ބަހެއް ވިދާޅުވެއްޖެނަމަ އެބަހަކީ ސައްހަ ބަސްކަމުގައި ގިނަ ދިވެހިން ގަބޫލު ކުރާކަމީވެސް ހަގީގަތެކެވެ. ހާއްސަކޮށް ރަމަޟާންމަހުގެ ދުވަސްތައް ފަދަ އަޅުކަމުގެ ދުވަސްތަކުގައި މައުމޫނުގެ ބަސްފުޅުތަކަށް އިންތިޒާރުކޮށް، މައުމޫނަށް ފޮލޯކުރާ ދިވެހިން ގިނައެވެ. އަދި ދިވެހިބަހުގެ ކަންކަމާއި ފަލަކީ އިލްމާއި އެހެނިހެން އިލްމުތަކުގައިވެސް މައުމޫނު އަބްދުލްގައްޔޫމުގެ ބަހަށް ތާއީދުކޮށް އިސްކަން ދޭ ފަރާތްތައް ކިތަންމެހާވެސް ގިނައެވެ.