މިއަހަރު ނިމެންވާއިރަށް އަލިފުށި އެއާޕޯޓު ބޭނުންކުރަން ފެށޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އެއީ އެމަނިކުފާނުގެ އަމާޒެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރޭ ރ. އަލިފުއްޓަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

2018ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އަލިފުށްޓަށް ވަޑައިގެންނެވި އިރުވެސް، އެރަށު ރައްޔިތުން ލަވައަކުން އެދުނީ އެއާޕޯޓެއް ތަރައްގީކޮށްދިނުމަށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމާޒަކީ މިއަހަރު ނިމެންވާއިރަސް އެއާޕޯޓުގެ މަސައްކަތް ނިމި ވައިގެ މަގުން ދަތުރުކުރެވޭނެ ގޮތް ހެދުންކަމަށެވެ.

"އެ ދުވަހުގެ ލަވައިގައި ވަޑި އިއްބެ ބުނީ ފުއްޓަށް އަލިފުށި އާދެވޭހެން ވަރުނުލާ، ރައްޔިތުން އެންމެ އުދުހިލާ. އެ ދައްކަވަނީ މިތަނަށް މަތިންދާ ބޯޓުގައި އުދުހިފައި އަންނަ ވާހަކަ. އިރާދަކުރެއްވިއްޔާ މިއަދު އެ ވަނީ އެއާޕޯޓުގެ މަސައްކަތް ފެށުމަށްޓަކައި ބިން ހިއްކަން ފަށާފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް މި ރަށުގެ އެއާޕޯޓު ހަދައި، މި ރަށަށް ވައިގެ މަގުން ދަތުރުކުރެވޭ ގޮތް ހެދުން،"
ރައީސް ސާލިހު

ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަންނަވަނީ އެކަން ފުއްދޭނެކަމުގެ ޔަގީންކަން ހޯއްދަވައިގެން ކަމަށެވެ. އަދި މިހާތަނަށް ވީ ވައުދުތަކުގެ ތެރެއިން 90 ޕަސަންޓް މިހާރު ފުއްދި، ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހު ރ އަލިފުށީގައި

"އެހެންވީމާ އަލިފުށީގެ އެއާޕޯޓަކީ ވެސް އަޅުގަނޑު މި ދެންނެވިހެން އަޅުގަނޑުމެންގެ މަސައްކަތުގެ ޕްލޭންގެ ތެރޭގައި ހަދައި ނިންމައި، ބޭނުންކުރެވޭ ތަނަކަށް އިރާދަކުރެއްވިއްޔާ މި ދައުރުގެ ތެރޭގައި ވެގެންދާނެ،" ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވަނީ ކުރިއަށްއޮތް ދައުރަށް ވެސް އަލިފުއްޓަށް ވައުދުތަކެއް ވެވަޑައިގެންފައެވެ. އޭގެތެރޭގައި:

  • ބިން ހިއްކުމުގެ މަސައްކަތް ނިންމުން
  • މޫދަށް އެރޭނެ އާޓިފިޝަލް ބީޗެއް ތަރައްގީކުރުން
  • އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުން
  • ކުނި މެޖޭކުރުމަށް އިތުރު އެއް ހެކްޓަރުގެ ބިން އިތުރުކުރުން
  • ފުލެޓު ނުވަތަ ރޯހައުސް ހަދައިދިނުން
  • އިތުރު މަގުތަކުގައި ތާރު އެޅުން
  • ފުޓްސަލް ދަނޑު ހެދުން
  • ޗައިލްޑް އެންޑް ފެމިލީ ޔުނިޓެއް ގާއިމުކުރުން
  • އާ އިންޖީނުގެއެއް ހެދުން
  • ޒަމާނީ ލައިސަންސް ޓްރެކެއް ގާއިމުކޮށްދިނުން

މިހުރިހާ ކަންކަމަކީވެސް އަލިފުށްޓަށް ރައީސް ދެއްވި އާއުންމީދުތަކެކެވެ. އަދި ރައީސް ސާލިހު ވަނީ މިހުރިހާކަމެއްވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެެވެ.